ބޮލީވުޑްގައި މިވަގުތު ހުރި އެންމެ ކާމިޔާބު އަދި އަގުބޮޑު އެއް ބަތަލު ކަމަށްވާ އަކްޝޭ ކުމާރު ފިލްމު ކުޅެދޭ އަގު ބޮޑުކޮށްފިއެވެ.
އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ކުރިޔަށް އޮތް ތަނުގައި އަކްޝޭ ފިލްމެއް ކުޅެދޭން ނިންމާފައިވާ އަގަކީ 135 ބިލިއަން ކްރޯޑެވެ. މިއީ ފިލްމަކަށް ގާތްގަނޑަކަށް 18.4 މިލިއަން ޑޮލަރެވެ.
ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ ފިލްމު ކުޅެދޭ އަގު ބޮޑުކުރި އިރު އޭނާ އަންނަނީ ފުލުފުލުގައި ފިލްމުތަކަށް ސޮއި ވެސް ކުރަމުންނެވެ. ބޮލީވުޑްގެ ވަރަށް ގިނަ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުން އަބަދު ވެސް އަކްޝޭގެ ފަހަތުގައި ސޮއި ހޯދަން ކިއު ހަދާފައި އޮވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަކްޝޭގެ ފިލްމެއް އުފެއްދުމުގެ ހަރަދަށްވެސް 35 އާއި 45 ކްރޯޑާ ދެމެދުގެ އަދަދެއް ހަރަދު ވެއެވެ. ޕްރިންޓިންއާއި އިޝްތިހާރު ކުރުމުގެ ހަރަދާ އެކު މި އަގު 50 އާއި 60 ކްރޯޑާ ހަމައަށް އަރައެވެ.
އަކްޝޭގެ ގިނަ ފިލްމުތަކެއް މިހާރުވެސް ހުރީ ރިލީޒް ވުމުގެ މަގުމަތީގަ އެވެ. އޭގެ ތެރޭގައި ސޫރްޔާވަންޝީ، ޕްރިތިވިރާޖް ޗައުހާން، ބެލް ބޮޓޮމް، އަތުރަންޖީ ރޭ، ބައްޗަން ޕާންޑޭ، މިޝަން ލަޔަން، ރާމް ސޭތޫ އަދި އަދި ރަކްޝާ ބަންދަން ހިމެނެއެވެ.



