ރިޔަލު ދޯންޏެއް - ފޮޓޯ: މީސްމީޑިއާ

ހުދުދޯންޏާއެކު މަނަދޫން ހަތަރު މީހުން ގެއްލުނު ހާދިސާ!

"ހުދުދޯނި ފުރިއިރު އަތިރިމަތީގައި އަހަރެން ހުރީމެވެ. ދޯންޏަށް ހަތަރު ވަރަކަށް ރުނބާ އެރުވި ހަނދާން ރަނގަޅަށް އެބަހުއްޓެވެ." ޢަބްދުލްޣަފޫރު ޢަލީ (އައްޔަބޭ ތުއްތުބޭ) އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ހުދުދޯނު ގެއްލުނު ހާދިސާ ކިޔައިދިނެވެ. އެއީ 1960 ވަނަ އަހަރު ހިނގާފައިވާ ހާދިސާއަކަށް ވާތީ އެ ހާދިސާ ހަނދާންހުރި ގިނަ ބަޔަކު މަނަދޫގައި އެބަތިއްބެވެ.

މަނަދޫ ދިލްބަހާރުގޭ ހާރޫނު ހާޖީ ކަލޭފާނުގެ ހުދުދޯނީގެ އެންމެ ފަހު ދަތުރަށް މަނަދޫން ފުރީ މަނަދޫ ކާޑުގެއާ ދިމާއިންނެވެ. އެ ދަތުރަކީ ހއ. އުތީމުން ދޮށިކަނޑަށް ކުރި ދަތުރެކެވެ. އެފަދަ ދަތުރުތަކުގައި ށ. އަތޮޅުން ދިޔާހަކުރު ގެނައުމަކީ އާންމު ކަމެކެވެ. ރުނބާ އެ އެރުވީ އެކަމަށެވެ. ދަތުރަށް ފުރިއިރު އެ މީހުންނަށް މި ފުރެނީ ހަޔާތުގެ ފަހު ދަތުރަށްކަން އެނގޭނަމަ މޫނުތައް މަތިން ފެނުނީހީ އެ އުފާވެރިކަމެއް ނޫނެވެ. ބައެއް މީހުންގެ މުންޑުން ފޫގަޅާފައި ހުރިގޮތުން އެ ދަތުރަށް ގަޔާވެފައިވާ މިންވަރު ކިތަންމެ ރަނގަޅަށް ވެސް އެނގެއެވެ. މީހުން ބުނެއުޅެވެ. ކުއްލި މަރުތަކުގައި ބައެއް މީހުން މަރާ ބައްދަލުކުރަންދާއިރު އެކަން އެނގިގެން އުޅޭހެން ހީވާ އެތައްކަމެއް ފަހުން ފާހަގަ ވާނެއެވެ. ހުދު ދޯނިން ދަތުރުކުރި މީހުންގެ ފަރާތުން ވެސް އެފަދަ ކަންތައްތައް ފެނުނު މީހުން އެ ވާހަކަ ދައްކާހެދިއެވެ.

ހުދުދޯނި ކިޔަނީ އެ ދޯނީގައި ހުދު ދަވާދުލާފައި އޮންނާތީއެވެ. އެއީ ހަތަރު ފަސް މީހަކު ދަތުރުކޮށްލަން ހެޔޮވަރުގެ ރިޔާނެގި ދޯންޏެކެވެ. ހުދު ދޯންޏާއެކު މަނަދޫގެ ހަތަރު މީހުން ގެއްލުނު ހިތާމަވެރި ހާދިސާއާ ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވެއެވެ. އެއީ ސިހުރު ފަންޑިތަވެރިކަމާ ގުޅިފައިވާ ހާދިސާއެކޭ ބައެއް މީހުން ބުނެއެވެ. އެ ހާދިސާގެ މާގިނަ މަޢުލޫމާތެއް މިއަދު ލިބެން ނެތަސް ލިބެންހުރި މަޢުލޫމާތަކާއެކު ތާރީޚަށް ޓަކައި އެ ހާދިސާ ރައްކާކޮށްލަން ބޭނުންވިއެވެ.

ހުދުދޯނީގެ ފަހު ދަތުރަށް އެރީ ހަތަރު މީހުންނެވެ. އެއީ ޢަބްދުއްރަޙްމާން އިބްރާހީމް (އަބުދުކޮއި ދޮންބެ) އާއި ބޮނޑިބަތް މޫސަބެއާއި، ޢަބްދުއްރަޙްމާން މުޙައްމަދާއި، ޢުމަރު އަޙްމަދެވެ.

މަނަދޫ ދިލްބަހާރުގޭ ޢަބްދުއްރަޙްމާން އިބްރާހީމް (އަބުދުކޮއި ދޮންބެ) އަކީ މަނަދޫ ހާޖީ ކަލޭފާނަށް ކާފަ ވިދާޅުވާ ބޭކަލެކެވެ. އެއީ ހާޖީގެ އިބުރަބޭގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. އިބުރަބޭގެ ތުއްތުބޭ (މުޙައްމަދު ސަލީމް) އާއި ހަބީދައިތަ (ޙަބީބާ އިބްރާހީމް) އާއި ތުއްތުކޮއި (ޢަބްދުއްލަޠީފް އިބްރާހީމް) އާއި ކުޑައައްތައާއި މުޙައްމަދު ޙަމީދާއި އަޙްމަދު ޙަމީދުގެ އެއްބަޑުއެއްބަފާ އެންމެ ދޮށީ ބޭބެއެވެ. އެންމެންގެ ދޮންބެއެވެ. އެއީ މަނަދޫ ހުކުރު މިސްކިތުގެ މުދިމެވެ. އިމާމުވެ ހުކުރު ކުރާ ޚަތީބެކެވެ. މަނަދޫގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމު ލިބިފައިވާ މަޑުމައިތިރި ބަސްމަދު ބޭކަލެކެވެ. އެއީ މަނަދޫ ހާޖީ ކަލޭފާނު އެންމެ ލޯބިވި އެއް ކާފަ ދަރިކަލުންނެވެ.

ދަތުރަށް ފުރިއިރު އަބުދުކޮއި ދޮންބެގެ އަންހެނުން އިނީ ބަލިވެއެވެ. އެއީ ދޮން އަޙްމަދުގެ ދޮންކަނބުލޮ (ސުރިއްޔާ އަޙްމަދު) އެވެ. ފަހުން މަނަދޫ ޗޭނުގޭ މުޙައްމަދު މާހިދުގެ މަންމައެވެ. ދޮން ކަނބުލޮ ބަލިވެއިން އެ ކުއްޖާ ދުނިޔޭގައި ނެތުމުން އިބުރަބޭގެ އަބުދުކޮއި ދޮންބެގެ ދަރިފަސްކޮޅެއް ދުނިޔެއަކު ނެތެވެ.

އެ ދަތުރުގެ އަނެއް ބައިވެރިއަކީ ބޮނޑިބަތް މޫސަބޭއެވެ. އެއީ ބޮނޑިބަތް ދޮންބެއާއި ބޮނޑިބަތް މަރީނާދައްތަ (އަޅުގަނޑުގެ މަރީނާ ދޮންމާމަ)ގެ ބައްޕައެވެ. ބޮނޑިބަތް މޫސަބޭގެ އާއިލާ އެ ދެ ބެންގެ ފަރާތުން މަނަދޫގައި އެބައޮތެވެ.

މި ދަތުރުގައި ދިޔަ ތިންވަނަ މީހަކީ ބޮޑު މުޙައްމަދުބޭގެ ޢަބްދުއްރަޙުމާނެވެ. މަނަދޫ ތިޔަރަމާގޭ ޔޫސުންބެއާއި މޮޔަ އައިސަދައިތައަކީ ބޮޑު މުޙައްމަދުބޭގެ ދަރިންނެވެ. ޢަބްދުއްރަޙްމާނުބެއާ އެއްބަނޑުއެއްބަފާ މީހުންނެވެ. ބުނެވޭ ގޮތުގައި ބޮޑު މުޙައްމަދުބެއަކީ މާލޭ މީހެކެވެ. ބޮޑު މުޙައްމަދު ކިޔަނީ އިސްކޮޅުން ދިގުވެފައި ރޫފަ ރަނގަޅުވެފައި ހަށިގަނޑު ބިޔަ ވީމައެވެ.

މި ދަތުރުގެ ހަތަރުވަނަ ބައިވެރިއަކީ ޢުމަރު އަޙްމަދެވެ. އެއީ ސީނު އަބޫބެ (މަނަދޫ ދިލްސާދޫގޭ އަލްމަރުޙޫމް އަބޫބަކުރު އަޙްމަދު) އާ އެއް ބަނޑުއެއްބަފާ މީހެކެވެ.

ހުދުދޯނި މަނަދޫން ފުރީ ހާޖީ ކަލޭފާނުގެ މަސްދޯނި ފަހަރަށް ބޭނުންވާ މަސްބާނާ އޮނުދޮށި އުތީމުން ކެނޑުމަށެވެ. އޭރު މަހަށްދާ ހައެއްކަ މަސްދޯނި ހާޖީ ކަލޭފާނުގެ އޮވެއެވެ. މަނަދޫން ފުރައިގެން ހުދުދޯނި ފުރަތަމަ ދިޔައީ ށ. ފޯކައިދޫއަށެވެ. އެ ރަށުން ދޯންޏަށް ދިޔާ ހަކުރު އެރުވިއެވެ. އެ ރަށުން އުތީމަށްދާން ފުރަން ނިކުންއިރު އުޑުމަތީގައި ކަޅުވިލާ ރޮއްޖެއް ހުއްޓެވެ. އެ ރަށުގެ ދުވަސްވީ މީހުން އެ ދުވަހު މޫސުމަށް ބެލުމަށްފަހުގައި ނޫނީ ދަތުރަށް ނުފުރުމަށް ބުނިކަމަށް ވެއެވެ. އެކަމަކު ދަތުރުގެ ބައިވެރިންނަށް ފެނުނީ ވައިމަތިން ފެންނަންހުރި ފުސްކޮޅަކީ މާބޮޑު ކަމެއް ނޫންކަމަށެވެ. ދުވަސްވަރަކީ ރިޔަލުގެ ޒަމާނެވެ. ފޯކައިދޫން ފުރައިގެން ދުއްވަން ނުކުތީ ނޫމަރާ ކަނޑެވެ. ކޮޅިގަނޑު ޖެހުނީ އެ ކަނޑު ދުއްވަނިކޮށެވެ. ޖެހެންފެށި ބާރުބަޔާއި ވެހެންފެށި ބޯ ވާރޭގައި އެ ދޯނި އެންމެ ފަހުން ދުށްކަމަށް ބުނަނީ ފޯކައިދޫ ރައިވެރިއެކެވެ. ރުކެއްގައި އޮތް އެ ރައިވެރިބެއަށް އެ ދޯނި ގެއްލުނީ ވެހެންފެށި ބޯ ކެރިގަނޑާއެކުގައެވެ. ދޯނި ގެއްލުނު އިރުވެސް ދޯނީގެ ރިޔާ ފެންނަން ހުރި ކަމަށް ވެއެވެ. ދެން ދޯންޏަށް ވީގޮތެއް ނޭނގެއެވެ. ކެރިގަނޑު ތުނިކޮށްލުމުން އެ ރައިވެރިބޭ އެ ދޯނި ފެނޭތޯ ވަރަށް ބެއްޔެވެ. އޭނާއަކަށް އޭގެފަހުން އެ ދޯންޏެއް ނުފެނުނެވެ. އެ ރައިވެރިބެއަށް އެކަންޏެއް ނޫނެވެ. އޭގެ ފަހުން އެ ދޯނިން ދަތުރުކުރި އެއްވެސް މީހެއްގެ ޚަބަރެއް އަދި އެންމެ ކުޑަމިނުން އެ ދޯނީގެ މަޑުގަނޑެއްހާ ހިސާބު ވެސް ނުފެނެއެވެ.

މި ހިތާމަވެރި ހާދިސާގެ މަޢުލޫމާތު މަނަދޫއަށް ލިބުނީ ދުވަސްކޮޅެއް ފަހުންނެވެ. އޭރުގެ މުއާސަލާތީ ކަންތައްތައް ހުރި ގޮތުންނެވެ. އޭރު އަޅުގަނޑުގެ ބައްޕަ ފަރާތު މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި މުނިމާމަ ޢައިޝަތު ޤާސިމް (މަނަދޫ ކަމަނަ ދައިތަ) އާއި ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ވަޑައިގެންވީ ހައްޖުގެ މަތިވެރި އަޅުކަމުގައެވެ. ހާޖީ ކަލޭފާނު ހައްޖުން ވަޑައިގެން އެ ދޯންޏާއި އެ ދޯނިން ދަތުރުކުރި މީހުންގެ އެއްވެސް ޚަބަރެއް ވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު އެއްވެސް ޚަބަރެއް ނުވިއެވެ. އެ މާޔޫސްކަމާއި ހިތާމަތަކުގައި އުޅެނިކޮށް ލިބުނު ޚަބަރަކީ އިންޑިއާގެ އައްސޭރިފަށުގެ ރަށަކުން އެ ދޯނީގެ ހަތަރު ދަތުރު ވެރިންނާ ބަޔަކާ ބައްދަލުވި ކަމަށްބުނެ ދައްކަމުން ދިޔަ ވާހަކައެކެވެ. އެ ވާހަކައިގެ ހަގީގަތެއް އޮތްތޯ ވެސް ހާޖީ ކަލޭފާނު އެކި ގޮތްގޮތުން ބެއްލެވި އެވެ. އެކަމަކު އެއީ ތެދު ޚަބަރަކަށް ނުވިއެވެ.

ހަސަދަވެރިކަމަކީ ކޮންމެ ޒަމާނެއްގައި ވެސް އިންސާނުންގެ މެދުގައި އޮންނަ ކަމެކެވެ. ހަސަދަވެރި ކަމުގައި ކިތަންމެ ނުބައިކަން ބޮޑު ކަމެއް ވެސް ކޮށްފާނެއެވެ. ގިނަ ފަހަރަށް އެފަދަ މީހުން އަރައިގަންނަނީ ސިހުރު ހާހޫރަފަދަ ނުބައި ޖަރީމާތަކަށެވެ. އެ ހަސަދަވެރި ކަމަކީ މީހެއްގެ މުއްސަނދި ކަމާއި ތިޔާގިކަން ފެނިފައި އުފެދޭ ނަފުރަތުގެ ގިންޏަށް ވެދާނެއެވެ. މީހެއްގެ މައްޗަށް އެހެން މީހުންގެ ހިތްތަކުގައި އޮންނަ ލޯތްބަކާއި މަގުބޫލުކަމެއްގެ ސަބަބުން އުފެދޭ ހިތްހަމަ ނުޖެހުމާއި ރުޅިވެރި ކަމަކަށް ވެދާނެއެވެ. އެއީ މީހަކު މާބޮޑަށް ހިތާވާ މީހަކު ހާސިލުކުރުމަށް ކުރާ ކަމަކަށް ވެސް ވެދާނެއެވެ. ހުދުދޯނި ގެއްލުނު ހާދިސާއާ ބެހޭގޮތުން މި ހުރިހާ ގޮތަކަށް ވެސް ވާހަކަ ދެކެވެއެވެ. އެކަމަކު މިއަދު އެ ހުރިހާ ވާހަކައެއްގެ ތަފުސީލުތައް ހޯދައި މީހުން ކިޔާއުޅޭ ގޮތްގޮތަށް ލިޔުމަކީ ބޭކާރު ކަމެކެވެ.

އެ ދޯނިން ދަތުރުކުރި ހަތަރު މީހުންގެ ފުރާނައަށް ﷲ ހެޔޮ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.

 

ލިޔުނީ: ޢަބްދުﷲ ސަޢީދު 

 

މިލިޔުން ކިޔާލުމުން
3152
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ