ޤައުމީ އަރުޝީފު ފުރިހަމަ ވުމަކީ ޤައުމަށް ފައިދާ ކުރާނެ ކަމެއް - ޔުމްނާ

ޤައުމީ އަރުޝީފު ފުރިހަމަ ވުމަކީ ޤައުމަށް ފައިދާ ކުރާނެ ކަމެއް ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ޔުމްނާ މައުމޫން މިހެން ވިދާޅުވެފައިވަނީ ބައިނަލްއަގްވާމީ އަރުޝީފް ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ހާއްސަ މެސެޖެއްގައެވެ. މި މެސެޖުގައި ޔުމްނާ ވިދާޅުވީ، "އަޅުގަނޑު ދެކޭގޮތުގައި ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު، އެކަށޭނަ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޭނުންތެރި އެހާމެ ފައިދާކުރާނެ ކަމެއް އެހެނީ، ދިވެހި ޤައުމުގެ އެންމެހާ ކަންކަން އަންނަން އޮތް ޖީލުތަކަށް ފުރިހަމައަށް ވާސިލު ވާހުށީ ދިވެހި ޤައުމުގެ ފަތްފުއްތަކާއި ފުރޭފުތަކާ ލިޔެކިޔުންތަކާ ރެކޯޑުތައް ރަނގަޅަށް ރައްކާތެރިކޮށް ބެލެހެއްޓިގެން" ކަމަށެވެ.

މީގެ އިތުރުން މި މެސެޖުގައި މިނިސްޓަރ ޔުމްނާ ވިދާޅުވީ، މިހާރުންމިހާރަށްވެސް ދައުލަތުގެ އޮފީސްތަކުން ދެވޭ ހިދުމަތްތައް ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައިވެސް ރެކޯޑްސް މެނޭޖްމެންޓުގެ ކަންކަން ފުރިހަމަ ކުރެވޭނީ ޤައުމީ އަރުޝީފު އެކަށޭނަ ގޮތެއްގައި ގާއިމް ކޮށްގެން ކަމަށެވެ.

އިންޓަރނޭޝަނަލް ކައުންސިލް އޮން އާރކައިވްސް އިން ވިދާޅުވާ ގޮތުގައި ޤައުމީ އަރުޝީފަކީ ހަމައެކަނީ ތާރީޙީ ރެކޯޑް ބަލަހައްޓާ ތަނަކަށްވުރެ ދައުލަތް ހެޔޮގޮތުގައި ހިނގުމަށް އެހީތެރިވެދޭ މުއައްސަސާ އެކެވެ.

ބައިނަލްއަގްވާމީ އަރުޝީފް ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ޔުމްނާ މައުމޫނުވަނީ ސަރުކާރުގެ އިތުރުން އަރުޝީފު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ އަމިއްލަ ފަރާތްތަކުގެ ހިދުމަތް ފާހަގަކޮށް އެފަރާތްތަކަށް ހިތްވަރުދީ ޝުކުރުއަދާ ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް