މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޕާޓީގެ ހިޔާލަކީ ޖަލުގައި އޮންނެވިއިރު ކުރެއްވެވި ހިޔާލެއް ކަމަށް އެޕާޓީގެ ރައީސް އަދި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.
އަހުމަދު އަދީބް މިހެން ވިދާޅުވީ އެމަނިކުފާނުގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިރޭ ކުރެއްވެވި ޕޯސްޓެއްގައެވެ. "އެމްޓީޑީގެ ވިސްނުމާ، އަސާސީ ގަވާއިދާ އަދި ޕާޓީގެ ފުރޭމްވޯކް ލިޔުނީ ޖަލުގައި" ފޭސްބުކް ޕޭޖްގައި ކުރެއްވި ޕޯސްޓުގައި ވެއެވެ.
ވިިޔަފާރިވެރިންގެ ޖަމްއިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް އިސްކޮށް ހުންނަވައިގެން އުފެއްދެވި އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއިކުރެއްވީވެސް އަހުމަދު އަދީބެވެ.
އެމްޓީޑީގެ ރައީސްކަން އަދީބް ފުރުއްވަމުން ގެންދަވާއިރު އެ ޕާޓީގެ ސީނިއާ ނައިބް ރައީސް އަކީ މުއައްސިސް އިސްމާއިލް އާސިފް އެވެ. އަދި ނައިބް ރައީސް އަކީ ރައްޔިތުން މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޔާމީން އެވެ.
އެމްޓީޑީ އުފެއްދުމަށް ބޭއްވި ޖަލްސާގައި އެމްޓީޑީގެ ނައިބުރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، އެމްޓީޑީގެ ފަރާތުން އަދީބް ވެރިކަން ކުރައްވާނެ ކަމަށެވެ.