މުޅި ރާއްޖޭއަށް ބޭނުންވާ ބޯހިޔާވަހިކަން ދެނެގަތުމަށް ހަދާ "މޯލްޑިވްސް ހައުސިން މާކެޓް ނީޑްސް އެންޑް އެސަސްމަންޓް ސްޓަޑީ" ގެ ސާރވޭ ފޯނު މެދުވެރިކޮށް ފަށައިފިކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.
މިނިސްޓްރީން ވިދާޅުވީ، ފެބްރުއަރީ 3، 2021 އާ ހަމައަށް މި މަސައްކަތް ހިނގަމުންދާނެކަމަށެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މި ސާރވޭ ކުރިއަށްގެންދިއުމަށް ހަމަޖެއްސީ ފޯނު މެދުވެރިކޮށެވެ.
މި ސަރވޭގެ މެދުވެރިކޮށް އެއްކުރާ މަޢުލޫމާތުގެ ތެރޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރާއި، މިހާރު ދިރިއުޅޭ ގޭބިސީގެ ޙާލަތާއި، ގޭބިސީގައި ދިރިއުޅޭ މީހުންގެ
އަދަދާއި، އަމިއްލަ މިލްކިއްޔާތުގައި ހިމެނޭ ހިޔާވަހިކަމާއި، ގޯތިގެދޮރާއި ގުޅޭ މަޢުލޫމާތާއި، ބޯހިޔާވަހިކަން ހޯދުމުގައި ގޯތިގެދޮރު މިލްކުކުރުމަށް ސަރުކާރުގެ ފަރާތުން
ލިބުމަށް އެދޭ އެހީތެރިކަމާއި، ބޯހިޔާވަހިކަމަށް ކުރާ ހޭދަ ދެނެގަތުމަށް ބޭނުންވާ މަޢުލޫމާތު ހިމެނޭނެއެވެ.
މި ދިރާސާއަށް ދެއްވާ އެއްވެސް މަޢުލޫމާތެއް ތިންވަނަ ފަރާތަކާއި ހިއްސާއެއް ނުކުރާނެއެވެ. އަދި މި ސަރވޭގެ ޒަރިއްޔާއިން އެއްކުރެވޭ މަޢުލޫމާތުގެ އަލީގައި
ސަރުކާރުން އެކަށައަޅާ ރާއްޖޭގެ ބޯހިޔާވަހިކަމާއިގުޅޭ ސިޔާސަތުތަށް އެކުލަވާލުމާއި ތަންފީޛުކުރުން ހަރުދަނާކުރުމަށް މަގުފަހިވާނެއެވެ.
މި ސަރވޭކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ގުޅާނެ ނަމްބަރުތައްވަނީ މިނިސްޓްރީގެ ވެބްސައިޓާއި މިނިސްޓްރީގެ ސޯޝަލް މީޑިއާ މަންސަތަކުގައިވަނީ ހިއްސާކޮށްފައެވެ. މިގޮތުން ހިއްސާކޮށްފައިވާ ނަމްބަރަރުތަކަކީ 7627827، 7260058، 7260057، 7627823، 7627548، 7627558، 7627804، 7627898، 7627657، 7627617، 7627362، 7627298، 7627248، 7627178، 76278427627051، 7627898، 7627031، 7627040، 7627001، 7626968 އާއި 7626917 އެވެ.
މި ސަރވޭއަކީ ވޯލްޑް ބޭންކުގެ ހިލޭ އެހީއާއި ލޯންއެހީ ހިމެނޭހެން، މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށުން
ކުރިއަށްގެންދާ ސާރވޭއެކެވެ. މިސަރވޭއަށް އެންމެ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުން ހައުސިން މިނިސްޓްރީން އެދެއެވެ.