އުމުރާގެ އަޅުކަން އަދާކުރުމަށް ދިޔަ ބަޔަކު ގޮވައިގެން ދަތުރުކުރި ބަހެއް ފުރޮޅާލައި ތިން މީހުން މަރުވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގިއިރު މި ބަހުގައި ދަތުރުކުރަމުން ގޮސްފައިވަނީ މިސްރުގެ 16 މީހުންނެވެ. މިހާދިސާގައި ތިން މީހުން މަރުވެ ގިނަ ބަޔަކުވަނީ ޒަހަމްވެފައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއްގެ ގޮތުގައި ސައުދީއަރަބިއްޔާގެ ބަޔެއް މީޑިއާތަކުން ބުނެފައިވަނީ، ބަސް ފުރޮޅާލައިފައިވަނީ ޖަމަލެއްގައި ޖެހިގެން ކަމަށެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން މިކަން ހާމަކޮށްފައެއް ނުވެއެވެ.
މިސްރުގެ ހާރިޖީ ވަޒީރުގެ އިސް އެހީތެރިއަކު ވިދާޅުވެފައިވަނީ، މި އެކްސިޑެންޓުގައި ނިޔާވި މީހުންގެ ހަށިގަނޑުތައް އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެކްސިޑެންޓު ހިނގަން ދިމާވި ސަބަބު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.




