އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮ ކަމުގައި ވާޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ.“ (މި ޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއެވެ.)
ޙަދީޘުގައި އަންނަ ބީރައްޓެއްސެއް ފަދައިން، ވުމުގެ މާނައަކީ ކޮބައިބާއެވެ؟ އޭގެ މާނައަކީ ބީރައްޓެއްސެއްގެ މިސާލުގައި ތިބާގެ ދުނިޔަވީ ޙަޔާތް ހޭދަކުރުމެވެ. ތިބާގެ އަމިއްލަ ރަށް ނޫން އެހެން ވަޒަނަކަށްގޮސް އުޅޭނަމަ، ތިބާ އުޅޭނެ ގޮތަށް މިދުނިޔޭގައި ވުމެވެ. އެ ވަޒަނުގައި ތިބާ އުޅޭނީ ކިހާ ދުވަހަކު ކަމެއް އަދި އެތަނުން ނިކުމެގެން އެހެން ދިމާއަކަށް ދަތުރުކުރާނީ ކޮންއިރަކު ކަމެއް ތިބާއަށް ނޭނގޭނެއެވެ. ތިބާ އެތަނުން އެދޭނީ ވަރަށް މަދު މިންވަރެކެވެ. ކޮންމެ ދުވަހެއްގެ ކާނާއަށްވުރެ އިތުރަށް އެއްވެސް އެއްޗެއް ހޯދަން ބޭނުންވާ މީހަކު ކަމުގައި ތިބާ ނުވާނެއެވެ. ހިފާގެންގުޅޭ ސާމާނާ އެނޫންވެސް އެއްޗެއް ހޯދާނަމަ، ލިބެންހުރި އެންމެ އަގުދަށް، ބޭނުންވާ ކަމެއް ކިރިޔާ ފުއްދާލެވޭ މިންވަރަށް ނޫނީ ތިބާއެއްވެސް އެއްޗެއް ނުހޯދާނެއެވެ. އެއިން އެއްވެސް އެއްޗެއް ދެން އޮތް މަންޒިލަށް ނުގެންދާނެކަން ޔަޤީން ކުރާޙާލުގައި މެނުވީ އެއްވެސް އެއްޗެއް ތިބާ މިލްކު ނުކުރާނެއެވެ. އިބްނު ހަބީރާ އެވެ ކިޔުނު ޞާލިޙު ބޭކަލަކު ވިދާޅުވިއެވެ. "މި ޙަދީޘުގައި ބަޔާންވެގެން އެވާ ބީރައްޓެއްސެއްގެ މިސާލުގައިވާމީހަކު، އޭނާ އެ އުޅޭ ރަށެއްގެ މަޖްލިސް ތަކުގައި ވާދައެއް ނުކުރާނެތެވެ. އެ ރަށުގެ މީހުންގެ ޘަޤާފަތާ ލިބާސްއެޅުމުގެ ވައްޓަފާޅިއާއި ކަންކަން އޭނާއާއި ތަފާތުވީކަމުގައި ވީނަމަވެސް، ފަރުވާލެއް ނުހުންނާނެތެވެ. އަދި އޭނާ އެރަށެއްގެ މީހުންނާ (ވަކިނުވެވޭ ވަރުގެ) ގާތް ގުޅުމެއް ނުބާއްވާނެތެވެ." އެހެންކަމުން މި ދުނިޔޭގައި އުޅެންވީ އެފަދަ ބީރައްޓެއްސަކު ފަދައިންނެވެ. އެހެނީ މިއީ އިންސާނާގެ ދާއިމީ މަންޒިލެއް ނޫނެއެވެ.
ޙަދީޘުގައި ދެން އޮތީ، "މަގު ހުރަސްކޮށްލާ މީހެއް ފަދައިން،"ވުމަށް ދެއްވާފައިވާ އިރުޝާދެވެ. އެފަދަ މީހަކު ކަމުގައި ވުމުގެ މާނައަކީ ކޮބައިބާއެވެ؟ އެއީ ހަމަ އެންމެ އާދައިގެ މާނައިގައި މަގުހުރަސް ކޮށްލުމެވެ. ނޫންނަމަ އިތުރަށް ވިސްނާލުމަށްޓަކައި ދަންނަވާލާނަމެވެ. ތިބާއީ ވައިގެ ދަތުރެއް ކުރާމީހަކަށްވެފައި، ދެ މަތިންދާ ބޯޓެއްގައި ދަތުރު ކުރާ މީހަކަށް ވެއްޖެނަމަ، ތިބާގެ އާޚިރު މަންޒިލަށް ވާޞިލް ވުމުގެ ކުރިން ބޯޓު ބަދަލު ކޮށްލުމަށް ތިބާ މަޑުކުރާ ވަގުތުކޮޅު އިހުސާސް ކޮށްލާށެވެ. ދެން ގުޅެން އޮތް ބޯޓަށް އެރުމާ ދޭތެރޭ މަދު ވަގުތުކޮޅެއް ހޭދަވާ ފަހަރާއި ވަރަށް ދިގު މުއްދަތެއް ހޭދަވާފަހަރުވެސް އާދެއެވެ. މިފަދަ ޙާލަތުގައި ތިބާ ތިވަނީ މަގުހުރަސްކޮށްލާ މީހަކު ފަދައިންނެވެ. މިފަދަ ދަތުރެއްގައި ތިބާއާއެކު ބަރުވެދާނެ އެއްވެސް އެއްޗެއް އުފުލަން ބޭނުންވާ މީހަކު ކަމުގައި ތިބާ ނުވާނެއެވެ. އެތަނުގައި ހުރި ތަކެއްޗަށް ބޭނުންވާ މީހަކު ކަމުގައިވެސް ތިބާނުވާނެއެވެ. ކުރިޔަށް އޮތް ދަތުރަށް ބުރޫ އަރާފަދަ އެއްވެސް ކަމެއް ތިބާ ނުކުރާނެއެވެ. ކާނާއެއް ބޭނުންވެއްޖެނަމަ، ލުއި ކޮއްތަކުން ފުއްދާލާނެއެވެ. މަގުގެ އަނެއްކޮޅުގައި އޮތް ބޯޓަށް އަރަންޖެހޭ ގަޑިއަށްވުރެ ކުރިން ގޮސް ފަސިންޖަރުންގެ ދޮރޯށި ދޮށުގައި އިނުމަށް ތިބާ އަވަސްވާނެއެވެ. އެކަމަށް ހުރަސްއެޅޭ އެއްވެސް ކަމެއް ތިބާ ނުކުރާނެއެވެ. އަދި އެފަދަ ކަމެއް ކުރާ ބަޔަކަށް ތަރުހީބުވެސް ނުދޭނެއެވެ.
ޙަދީޘުގައި "ތިބާ ދުނިޔޭގައި ވާށެވެ!" އޮތް ބަހުގެ މާނައަކީ، ދުނިޔޭގެ ދުވަސްތަށް ހޭދަކުރާށެވެ. ޙަދީޘުގެ އިރުޝާދުގައިވާ މިސާލުތަކުގެ ތަރުތީބުވެސް އެއީ ނަޒަރު ހިންގާލުން މުޙިއްމު ނުކުތާއެކެވެ. މަގުހުރަސް ކުރާމީހެއްގެ މިސާލަށްވުރެ ކުރިން ބީރައްޓެއްސެއްގެ މިސާލު އިސްކޮށްފައިވުމަކީ އިއްތިފާޤެއް ނޫނެވެ. އެއިން ދޭހަކޮށްދެނީ މިދުނިޔެ އަކީ އާޚިރަތާއި އަޅާކިޔާއިރު، އެއްވެސް އަގެއްނެތް ތަނެއްކަމާއި އަދި އިންސާނާ މި ދުނިޔެއިން ބޭނުންކުރަންވީ މަދު މިންވަރެވެ. ބީރައްޓެއްސެއް ނަމަވެސް ރަށެއްގައި ނުވަތަ ވަޒަނެއްގައި އުޅޭއިރު ކޮންމެވެސް ވަރެއްގެ މިލްކިއްޔާތެއް ގެންގުޅޭނެއެވެ. އެހެނަސް މަގު ހުރަސްކޮށްލާމީހަކު އޭނާއާއެކު ހަމަ އެކައްޗެއްވެސް އުފުލާ ގެންގުޅެން ބޭނުންނުވާނެއެވެ. ވީމާ "ތިބާ ދުނިޔޭގައި ބީރައްޓެއްސެއްގެ ގޮތުގައި ވާށެވެ، ނުވަތަ އެއަށްވުރެވެސް މަދުން މި ދުނިޔެއިން ލިބިގަންނަ މީހަކު ކަމުގައި ވާށެވެ ބުނުމުގެ މާނަ، މަގުހުރަސްކުރާ މީހަކު ކަމުގައި ވާށެވެ އޮތް އޮތުން ފަސްކުރެވިފައިވުމުން ދޭހަވެއެވެ.
ކަންމިހެން އޮތްއިރު އަޅުގަނޑުގެ ޙަޔާތް މިދުނިޔޭގައި ބައްޓަން ކުރެވިފައިމިވަނީ ޙަދީޘުގައި އެވާ އިރުޝާދުގެ ބައްޓަމަށްބާއެވެ؟ އަޅުގަނޑަށް މިބެލެނީ ދުނިޔޭގައި ޒުހުދުވެރި ދިރިއުޅުމެއް އުޅެންތޯއެވެ؟ ނޫނީ މި އުޅެވެނީ، އެވެސް، މިވެސް، އަދި ދެން އޮތް އެއްޗެއްވެސް ހޯދާ އަމިއްލަ މިލްކިއްޔާތަށް ޖަމާކުރަންބާއެވެ؟ މިސުވާލު ކޮންމެ ކިޔުންތެރިޔަކުވެސް އަމިއްލަ ނަފްސާ ކޮށްލައްވާށެވެ.




