އިންޑޮނޭޝިއާ ބޯޓުގެ ކަޅުފޮށި ހޯދުމުގެ މަސައްކަތަށް ކުރިއެރުންތަކެއް ލިބިއްޖެ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއިން އިއްޔެ ނައްޓާލި ސްރީވިޖަޔާ އެއާގެ މަތިންދާބޯޓު ވީނުވީއެއް ނޭންގި ގެއްލިފައިވާއިރު އެބޯޓު ކަނޑަށް ވެއްޓިފައިވާކަމަށް ބެލެވެން ފަށައިފިއެވެ.

މިހާތަނަށް މަތިންދާބޯޓުގެ ބައިތަކާއި އެ ބޯޓުން ދަތުރު ކުރި މީހުންގެ ކަމަށް ބެލެވޭ މީހުންގެ ގުނަވަންތައް ފެނިފައިވާއިރު އިންޑޮނޭޝިއާގެ އޮފިޝަލުންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނެފައިވަނީ ބޯޓުގެ ކަޅުފޮށީގެ ސިގްނަލްތައް ކަމަށް ގަބޫލުކުރެވޭ ސިގްނަލްތަކެއް ލިބިފައިވާ ކަމަށެވެ.

މިއަދު މި ސިގްނަލްތައް ލިބުނު ކަނޑުގެ ސަރަހައްދަށް 10 އަކަށްވުރެ ގިނަ އުޅަނދު ނޭވީ ޑައިވަރުންނާއެކުވަނީ ފޮނުވައިފައެވެ.

އިންޑޮނޭޝިއާގެ ސާރޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ ބަގަސް ޕުރިހިޓޯ ވިދާޅުވެފައިވަނީ، ދެ ޕޮއިންޓަކުން ސިގްނަލްތައް ލިބިފައިވާ ކަމަށާއި މިއީ ކަޅުފޮށީގެ ސިގްނަލްތަކަށްވުން އެކަށީގެންވާ ކަމަށެވެ.

ތަހުގީގު ކުރާފަރާތްތަކުން މިހާރު އަންނަނީ ކަނޑުން ފެނުނު މަތިންދާ ބޯޓުގެ ބަޔެއް ތަކެތި ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެތެރޭގައި މަތިންދާ ބޯޓުގެ ފުރޮޅެއްވެސް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ