މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ފޮނުވި ސިޓީއަށް އީމެއިލް މެދުވެރިކޮށް ޖަވާބު ފޮނުވައިފައިވާނޭ ކަމަށް އެ މިނިސްޓްރީއިން ބުނެފިއެވެ.
ޖެންޑަރ މިނިސްޓްރީއިން މިހެން ބުނެފައި މިވަނީ، ޖެންޑަރ މިނިސްޓަރ އާއި ބައްދަލުކުރުމަށް ރެކުއެސްޓްކޮށް ފޮނުވި ސިޓީއަށް ޖަވާބުނުލިބޭތީއާއި، ރޭޕްއާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފުހޯދުމަށް ގޮވާލާ ޕީޕީއެމް އިން މިއަދު އިހުތިޖާޖު ކޮށްފައި ވަނިކޮށެވެ.
ޖެންޑަރ މިނިސްޓްރީގެ ޑައިރެކްޓަރ ކޮމިއުނިކޭޝަން އިބްރާހީމް މުޙައްމަދު މިއަދު ވިދާޅުވީ، ކޮވިޑް-19ގެ މުއްދަތުގައި، ޕީޕީއެމްގެ ފަރާތުން މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ބައްދަލުކުރެއްވުމަށް އެދިވަޑައިގެން 19 އޮކްޓޫބަރު 2020ގައި ސިޓީ ފޮނުވައިފައިވާ ކަމަށެވެ. ނަމަވެސް، މިނިސްޓްރީއަށް ސިޓީ ލިބިފައިވަނީ 20 އޮކްޓޫބަރު 2020ގައި ކަމަށެވެ.
މި މުއްދަތުގެ ތެރޭގައި މިނިސްޓަރ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތާރީޚެއްގައި އެ ފަރާތާ މުޢާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރު 2020ގައި އީމެއިލް މެދުވެރިކޮށް ޕީޕީއެމް އަށް އަންގައިފައިވާނޭ ކަމަށްވެސް އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.
"އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކުރާނެ، އަދި އެ ފަރާތްތަކާ ބައްދަލުކުރާނެ ވާހަކަ ދެންނެވިން" އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.
ޕީޕީއެމް އިން އިސްވެ އޮވެ އިދިކޮޅުން ޖެންޑަރ މިނިސްޓްރީ ކުރިމަތީ މިއަދު ކުރި އިހުތިޖާޖާއި ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދު ވިދާޅުވިއެވެ.