ބެލުންތެރިންގެ މެދުގައި ވަރަށް މަގްބޫލު ޓީވީ ޑްރާމާ ފްރެންޗައިޒް އެއް ކަމަށްވާ "ނާގިން 5" މިއަންނަ ފެބްރުއަރީ މަހު ނިންމާލަން އުޅޭ ކަމަށް އިންޑިއާގެ މުނީފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓް ކޮށްފައެވެ.
އެގޮތުން، މިމަހު ފަހުކޮޅު "ނާގިން 5" ގެ ފަހު އެޕިސޯޑްތައް ޝޫޓްކޮށް ނިންމާލާނެ ކަމަށް ލަފާކޮށްފައިވާއިރު، އެ ސީރީޒް ދެއްކަން ފެށިތާ މިހާރު ވަނީ 6 މަސްދުވަސް ވެފައެވެ. ޝޯގެ ލީޑްރޯލުން ފެނިގެންދާ ސުރްބީ އަދި ޝަރަދުގެ ލޯބީގެ ކެމިސްޓްރީގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އެ ޝޯ ވަރަށް ކަމުގޮސްފައެވެ.
އެގޮތުން "ނާގިން" ގެ މިފަހަރުގެ ޝޯ އިން ވަނީ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ގިނަ ބަތަލާއިންތަކެއް ފެނިފައެވެ. އޭގެ ތެރޭގައި ނިއާ ޝަރުމާ، ޖޭސްމިން ބާސިން، ހީނާ ހާން އަދި ރަޝްމީ ދެސާއީ ހިމެނެއެވެ.
ބޮލީވުޑް ހަންގަމާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، "ނާގިން 5" ނިންމާލަން އުޅެނީ އެ ޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު އަލަށް އުފައްދާ ވެމްޕަޔަރ ނަމަކަށް ކިޔާ ސީރީޒް ދެއްކުމަށެވެ. އެކްތާ ކަޕޫރުގެ ޝޯތަކާއި ސީރިއަލްތަކަކީ އާއްމުންގެ މެދުގައި ވަރަށް މަޝްހޫރު އަދި ކާމިޔާބު ސީރިއަލްތަކެކެވެ.



