ކަލްބަމެޑް ކަނި ރިސޯޓް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ މިއަދު ފަށަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއަރ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް، (ޓީޓީއެމް) ފެއަރ މިއަދު ފަށާނެއެވެ. 

ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ އެކި ކަހަލަ އިވެންޓުތައް ހިމެނޭ ޓީޓީއެމް ފެއަރ ފެށިގެންދާނީ ބަނޑޮސް މޯލްޑިވްސް ރިސޯޓުގައި ބާއްވާ ޓީޓީއެމް ސަމިޓުންނެވެ. 

މިއަހަރުގެ ޓީޓީއެމް ފެއަރ ސަމިޓް ޚާއްސަ ކުރުމަށް ނިންމާފައިވަނީ، ދަތުރުފަތުރާއި ގުޅޭ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފަތުރުވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމުގެ މައްޗަށެވެ. ޓީޓީއެމް މިދިޔަ އަހަރުގެ ފެއަރގައި ދުނިޔޭގެ އެކި ޤައުމުތަކުން 200 ފަރާތަކުން ވަނީ ބައިވެރިވެފައިވެއެވެ.

ޓީޓީއެމް ފެއަރގައި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖެނެރަލް މެނޭޖަރުންނާއި، ގެސްޓް ހައުސް ހޮޓާ ހިންގާ ފަރާތްތަކުން ބައިވެރިވާ އެއްދުވަހުގެ ޓީޓީއެމް ޓްރެވަލް ސަމިޓު އޮންނާނެއެވެ. އަދި ދެދުވަހުގެ މުއްދަތަކަށް ދަރުބާރުގޭގައި ބާއްވާ ޓީޓީއެމް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ގުޅާލާ ބައްދަލުވުންތައްވެސް މި ފެއަރގައި ކުރިއަށްދާނެއެވެ. އަދި ހަމައެއާއެކު ފަތުރުވެރިކަމުގެ ދާއިރާގެ ސަޕްލަޔަރުންނަށް ހާއްސަ މޯލްޑިވްސް ސަޕްލަޔަރ އެކްސްޕޯވެސް މިފަހަރުގެ ޓީީއެމް ފެއަރގައި ކުރިއަށްދާނެއެވެ. ޓީޓީއެމް ފެއަރ ނިންމާލުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ އަދާރަން ސިލެކް ހުދުރަންފުށި ރިސޯޓުގައި ބާއްވާ ޓީޓީއެމް ގާލާ އަދި އެވޯޑް ހަފްލާއެވެ. 

މިއަހަރުގެ ޓީޓީއެމް ފެއަރއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަަކަދައްކަވަމުން މި ފެއަރ އިންތިޒާމް ކުރާ އޯކާ މީޑިއާ ގްރޫޕްގެ ސީއީއޯ، ޑރ. ހުސެން ސަނީ އުމަރު ވިދާޅުވީ މިއަހަރުގެ ޓީޓީއެމް ފެއަރގެ ބިޒްނަސް ޓު ބިޒްނަސް ( ބީ.ޓު.ޓީ) މީޓިންތަކަށް ބޭރުގެ 250 އެއްހާ ބޭރުގެ ޓްރެވަލް އެޖެންޓުން ބައިވެރިވާނެ ކަމަށެވެ.

"މި ފެސިލިޓޭޓްކޮށްދެނީ ރިސޯޓްތަކަށްވެސް ވަރަށް ކޮސްޓް ސޭވިންގ ގޮތަކަށް ޓްރެވަލް އެޖެންޓުންނާއި ބައްދަލުކޮށްލާ، ކޮންޓްރެކްސް ހަދާލާ ، ޕްރޮޕަޓީ ބަލާލެވޭނެ، މި ޓޫ ޓޭސްގަ ކޮންމެ ރިސޯޓަކަށްވެސް އެބަ ލިބޭ 40 މީޓިންގްސް" ސަނީ ވިދާޅުވިއެވެ. 

ޓީޓީއެމް ފެއަރ ނިންމާލުމަށް ގާލާ ހަފްލާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ގާލާ ހަފްލާގައި އެވޯޑްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

"މި އެވޯޑް ހަފްލާގައި އެބަ ހޮވަން ރާއްޖެ ވިއްކުމުގައި ޓޮޕް ޕްރޮޑިއުސަރސްއުން، މިއީ މިފަަހަރު އަލަށްދޭ އެވޯޑެއް، މި އެވޯޑަކީ ރާއްޖެ ވިއްކުމުގައި އެންމެ ބޮޑަށް އެހީތެރިވި ކޮމްޕެނީސް އަދި ޓްރެވަލް އެޖެންޓުންނަށްދޭ އެވޯޑެއް މީ،" ސަނީ ވިދާޅުވިއެވެ.

ޓީޓީއެމް އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަކޮށްގެން، ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްްއަޤްވާމީ ޓްރެވެލް އޭޖެންޓުންގެ ވިއުގައާއި ފަސޭހަކަމާއިއެކު ގުޅުވާލަދިނުމަށް ކުރިއަށްގެންދާ ޕްލެޓްފޯމެކެވެ. މިއަހަރުގެ ޓީޓީއެމް ކުރިއަށްދާނީ ޖޫން މަހުގެ 11 އިން 13 ވަނަ ދުވަހުގެ ނިޔަލަށެވެ. 

އަދި މި ފެއާގައި، 300 އަށް ވުރެ ގިނަ ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުންނާއި، ރިސޯޓުތަކާއި ހޮޓާތަކުގެ ވެރިން އަދި ޑިވެލޮޕަރުންނާއި ފަރުމާކުރުންތެރިންގެ އިތުރުން، ކޮންސަލްޓެންޓުންނާއި މި ދާއިރާގެ މާހިރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. 

އޯކާ މީޑިއާ ގްރޫޕުން ހާމަކުރާ ގޮތުގައި ޓީޓީއެމް ފެއާ ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ 2020ވަނަ އަހަރާ ހަމައަށް ރާއްޖެއަށް އަހަރަކު ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނަށް އިތުރުކޮށް، މިދާއިރާއިން ލިބޭ ފައިދާ 3.5 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް އެހީތެރިވުންކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް