ސައުދީއަރަބިއްޔާއިން ގަތަރާއެކު އޮތް ހާރިޖީ އަދި ސިޔާސީ ގުޅުންތައް ކަނޑާލުމަށްފަހު އެގުޅުން އަލުން ގާއިމްކުރިފަހުން ފުރަތަމަ ފަހަރަށް ގަތަރުގައި ސައުދީއަރަބިއްޔާގެ އެމްބަސީ ހުޅުވަން ތައްޔާރު ވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސައުދީއަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރުހާން ވިދާޅުވީ، ކޮންމެހެން ފުރިހަމަކުރަންޖެހޭ ރަސްމީ މަސައްކަތްތައް ފުރިހަމަވިހާ އަވަހަކަށް ސައުދީއަރަބިއްޔާއިން އެގައުމުގެ އެމްބަސީ ގަތަރުގައި ވަރަށް އަވަހަށް ހުޅުވާނެ ކަމަށެވެ.
މީގެއިތުރުން ހާރިޖީ ވަޒީރު ވިދާޅުވީ، ގަތަރާއެކު ފުރިހަމަ ސިޔާސީ ގުޅުން ގާއިމްކުރެވިގެން ދާނެ ކަމަށާއި ލޮޖިސްޓިކް މަސައްކަތްތައް ނިމުނުހާ އަވަހަކަށް އެމްބަސީ ހުޅުވުމުގެ މަސައްކަތްވެސް ނިމިގެންދާނެ ކަމަށެވެ.
2017 ވަނަ އަހަރު ގަލްފުގެ ބައެއް ގައުމުތައް ކަމަށްވާ ސައުދީއަރަބިއްޔާ، މިސްރު، ޔޫއޭއީ، އަދި ބަހްރައިން ގަތަރާއެކު އޮންނަ ހާރިޖީ އަދި ސިޔާސީ ގުޅުންތައް ކަނޑާލާ، އެ ގައުމުތަކުގެ ކަނޑުގެ އަދި ވައިގެ ސަރަހައްދު ގަތަރަށްވަނީ ބަންދު ކޮށްފައެވެ.
ސައުދީއަރަބިއްޔާއިން އޭރު ބުނެފައިވަނީ ގަތަރާއެކު އޮތް ހާރިޖީ އަދި ސިޔާސީ ގުޅުންތައް މެދުކަނޑާލީ އެގައުމުން ޓެރަރިޒަމަށް ތާއީދުކޮށް އީރާނާއެކު މާ ގާތްގުޅުންތައް ބާއްވަމުންދާތީ ކަމަށެވެ. ނަމަވެސް ގަތަރުން އެކަން ދޮގު ކުރެއެވެ.




