މި އަހަރު މީހުން ހައްޖަށް ގެންދިއުމުގައި ކުންފުނިތަކަށް ހުއްދަ ދިންއިރު އަމަލު ކޮށްފައިވާ އުސޫލުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އޭސީސީ އިން މިހެން ބުނެފައިވަނީ ހައްޖަށް މީހުން ގެންދަން ހުއްދަ ނުދިނުމުން ސިސިލްފަރު ހައްޖު ގުރޫޕުން ހުށަހެޅި މައްސަލައިގައެވެ.
މިމައްސަލައިގައި އޭސީސީން ބުނެފައިވަނީ، ޕޮއިންޓް ދިނުމުގެ މިންގަނޑެއް އާންމު ކޮށްފައިވީ ނަމަވެސް، އިވެލުއޭޝަން ކޮމިޓީގެ މެންބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދީފައި ވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ހައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ބައެއް ލިޔުންތައް ހުށަހަޅާފައިވާ ނުވާ ދެ ފަރާތެއްގެ ޕްރޮޕޯސަލްތައް ބާތިލްކޮށްފައި ނުވާ ކަމަށެވެ.
ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ، އެ މައްސަލަ އިތުރަށް ތަހުގީގުކުރަން އޭސީސީ އިން މިހާރު ވަނީ ނިންމައިފަ އެވެ.
މި އަހަރު މީހުން ހައްޖަށް ގެންދަން ފަސް ކުންފުންޏަކަށް އިސްލާމިކް މިނިސްޓުރީން ހުއްދަ ދީފައި ވެއެވެ.




