ޒިންޗެންކޯ އޭނާގެ ލޯބިވެރިޔާ ލައިވް އިންޓަވިއުއެއްގައި އާންމުންނަށް ހާމަކޮށްފިއެވެ.
އުމުރުން 22 އަހަރުގެ ޒިންޗެންކޯވަނީ ހުކުރު ދުވަހުގެ ރޭ ޔޫރޯ ކޮލިފައިންގައި ސާބިއާ އަތުން 5-0 ގެ ނަތީޖާއަކުން ޔޫކްރެއިން މޮޅުވި މެޗުގައި ބޮޑު ރޯލެއް އަދާކޮށްފައެވެ. މެޗަށްފަހު ދިން ލައިވް އިންޓަވިއުއެއްގައި، އިންޓަވިއު ހުށައަޅައިދޭންހުރި ވްލާޑާ ސެޑާންގެ ކޮލަށް ޒިންޗެންކޯވަނީ ދޮނެއް ދީ އެއީ އޭނާގެ ލޯބިވެރިޔާކަން އާންމުންނަށް ހާމަކޮށްފައެވެ.
ޒިންޗެންކޯ އޭނާގެ ލޯބިވެރިޔާ އާންމުންނަށް ހާމަކޮށްފައިވާއިރު މިދެމީހުން އަޅުވާކިޔާތާ ދުވަސްކޮޅެއް ވެއްޖެކަމަށާއި ޒިންޗެންކޯގެ އަމަލަކީ އެކަން އާންމުންނަށް ޔަޤީންކޮށްދިނުމަށް ކުރިކަމެއްކަމަށް " ދި ސަން " ގައި ރިޕޯޓްކޮށްފައިވެއެވެ.

ސާބިއާ އަތުން ލިބުނު މޮޅާއެކު ޔޫކްރެއިންވަނީ ޔޫރޯ ކޮލިފައިންގެ ގްރޫޕް ބީ ގެ އެއްވަނައަށް ޖެހިލައިފައެވެ.
ކްލަބް ލެވެލްގައި މިސީޒަންއަކީ ޒިންޗެންކޯއަށް ކާމިޔާބު ސީޒަނެކެވެ. ސިޓީއާއެކު އެއް ސީޒަނެއްގައި އިނގިރޭސި ޑޮމެސްޓިކް ތިން ތަށި ކާމިޔާބުކުރި ހަމައެކަނި ޓީމުގެ ޝަރަފު ހޯދާފާވައިވާއިރު މެދުތެރެއަށް ކުޅޭ މިކުޅުންތެރިޔާ ފުލް ބެކަކަށްވެސް ވަކި ދަށެއް ނޫނެވެ. ސިޓީއާއެކު ލީގު ކަޕް އަދި އެފްއޭ ކަޕް ފައިނަލްގައިވެސް ކުޅެފައިވާ މިކުޅުންތެރިޔާއަކީ މުސްތަޤުބަލުގައި ޔޫކްރެއިންގެ ޤައުމީ ޓީމުން ވިދާލާނެ ކުޅުންތެރިއެއްކަމަށް ފުޓްބޯޅަ މާހިރުން ޤަބޫލުކުރެއެވެ،.



