މިދިޔަ އަހަރުގެ ކުރީކޮޅު ގދ. ތިނަދޫގައި ހިނގި ވައްކަމުގެ މައްސަލައެއްގައި ބަންގުލަދޭޝްގެ ރައްޔިތަކު ވަގަށްނެގި ތަކެއްޗާއެކު މިއަދު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ، 2018 ވަނަ އަހަރުގެ ކުރީކޮޅު ގދ. ތިނަދޫގައި އިމާރާތް ކުރަމުންދިޔަ އިސްލާމީ މަރުކަޒުގެ ސައިޓުގައި ހުރި ސާމާނުތަކެއް ވަގަށް ނަގައިފައިވާ މައްސަލައިގައި ވަގަށް ނަގައިފައިވާ ސާމާނު ތަކާއެކު 27 އަހަރުގެ ބަންގުލަދޭޝްގެ ފިރެހެނަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.
ފުލުހުން މި މައުލޫމާތު ދީފައިވަނީ ދާދި ދެންމެއަކު ކުރި ޓުވީޓެއްގައެވެ. މި ޓުވީޓުގައި މިހާ ދުވަހަށް ފަހު މި ވައްކަމުގައި މީހަކު ހައްޔަރު ކުރަންޖެހުނު ސަބަބެއް ބުނެފައެއް ނުވެއެވެ.
ވައްކަމުގެ ބަޔެއް ބޮޑެތި މައްސަލަ ތަކުގައި ފުލުހުން މީހުން ހައްޔަރުކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން މިދިޔަ އީދު ދުވަހު ހުޅުމާލޭގައި ހިނގި ބޮޑު ވައްކަމުގައި މިހާތަނަށް ފުލުހުން މީހަކު ހައްޔަރު ކޮށްފައި ވާކަމުގެ މައުލޫމާތު މީޑިއާ ތަކާއި ހިއްސާކޮށްފައެއް ނުވެއެވެ.



