މަސްވެރިކަމާ ގުޅޭ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް އަންގައިފި

ޤާނޫނު ނަންބަރު 14/2019، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމްކުރުމަށް ހުއްދަދިނުމުގެ ގަވާއިދު ގެ ދަށުން މަސްވެރިކަމާ ގުޅޭ ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް އަންގައިފި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރީކަލްޗަރ އިން އަންގައިފިއެވެ.

އެމިންޓްރީ މިއަދު ނެރެފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ މަސްވެރިކަމާ ގުޅޭ މަޝްރޫޢުތަކުގެ ތެރެއިން އަންނަނިވި މަސްވެރިކަމާއި ގުޅުން ހުރި ޙަރަކާތްތައް ހިންގުމަށް މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަދިނުމުގެ ގަވާއިދުގެ ދަށުން ހުއްދައެއް ނަގަންޖެހޭނެކަމަށެވެ.

  1. މަހާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  2. ގޭދޮށު މަސްފެކްޓަރީ ޤާއިމް ކުރުމުގެ މަޝްރޫޢުތައް
  3. މަސްވެރިންގެ އަތުން މަސްގަނެ މަސްފިނިކޮށް، ގަނޑުކޮށް، ރައްކައުކުރުމަށް ހިންގާ މަޝްރޫޢުތައް
  4. މަސްވެރިންނަށް އައިސް ފޯރުކޮށްދިނުމަށް އައިސް ޕްލާންޓް ޤާއިމް ކުރުން.
  5. ފާނަކޮށި އެޅުން ނުވަތަ ކޮށިއަޅައިގެން މަސްގެންގުޅުމަށް ހިންގާ މަޝްރޫޢުތައް
  6. އެކުއަކަލްޗަރ ކުރުމާއި އެކުއަކަލްޗަރއާ ގުޅުންހުރި މަޝްރޫޢުތައް
  7. ކާބަން މޮނޮކްސައިޑް ޓްރީޓްކޮށްގެން މަހުގެ އުފެއްދުންތައް އުފެއްދުމަށް ހިންގާ މަޝްރޫޢުތައް
  8. އެކްސްޕޯޓްކުރުމަށް ނުވަތަ ވިޔަފާރީގެ ބޭނުމަށް މޫދުގައި އުޅޭ އެކުއޭރިއަމް ފިޝް ނުވަތަ ދިރޭ ކުދިމަސް ބަންދުކުރުމަށް ފެސިލިޓީ ޤާއިމްކުރުމަށް ހިންގާ މަޝްރޫޢުތައް
  9. ކަނޑުގެ ދިރުންތައް ނުވަތަ މަސްވެރިކަމާ ގުޅޭ ދިރުންތައް އާލާކުރުމަށް ހިންގޭ މަޝްރޫޢުތައް

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ މި ގަވާއިދުގެ ދަށުން މަސްވެރިކަމުގެ މަޝްރޫޢުތައް ފެށުމުގެ ކުރިން އެކަމަށް ހުއްދައެއް ހޯދުމާއި، މަޝްރޫޢެއްގެ މަސައްކަތް ފެށޭ ހިސާބުން މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އެނިސްޓްރީން އެއްކޮށް ބަލަހައްޓަމުން ދިއުމަށް ކަނޑައަޅާފައިވާ މުހިއްމު އެއް މަޤްޞަދަކީ، އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ރާވާ މަޝްރޫޢުތަކަކީ، މަސްވެރިކަމުގެ ޞިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ މަޝްރޫޢުއެއް ކަމުގެ ޔަޤީންކަން އެމަޝްރޫޢު ރާވައި ކުރިއަށް ގެންދާ ފަރާތަށް ދިނުންކަމަށެވެ.

އެހެންމެ، މަސްވެރިކަމުގެ އުމުރާނީ ވަސީލަތްތައް ޤާއިމް ކުރުމަށް ސަރުކާރުގެ ފަރާތުންނާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއްބާވަތެއްގެ މަޝްރޫޢުތައް އެއް ސަރަޙައްދަކަށް އަމާޒުވެ އެމަޝްރޫޢުތަކަށް އިންވެސްޓްކުރާ ފަރާތްތަކުން ކުރިން އަންދާޒާ ކުރިގޮތާ ޚިލާފަށް ނަފާ ނުލިބި މަޝްރޫޢު ހުއްޓާލަން ޖެހުންފަދަ ހާލަތްތައް މެދުވެރިވުން ހުއްޓުވުމަކީވެސް މިގަވާއިދު އެކުލަވާލުމުގެ މުހިއްމު މަޤްސަދެއްކަމުގައި އެ މިނިސްޓްރީން ވިދާޅުވެއެވެ.

އެ މިނިސްޓްރީން ވަނީ މަސްވެރިކަމާއި ގުޅުންހުރި ޙަރަކާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ ގިންތިތަކަށް ފެތޭ މަސްވެރިކަމުގެ މަޝްރޫޢުއެއް ފެށުމަށް ޤަސްދުކުރާ ފަރާތްތަކުން އެމަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން، މަސްވެރިކަމުގެ މަޝްރޫޢުތައް ޤާއިމް ކުރުމަށް ހުއްދަ ދިނުމުގެ ގަވާއިދުގެ ދަށުން ހުއްދަ ނަގައިގެން ޢަމަލީ މަސައްކަތް ފެށުމަށް އިލްތިމާސްކުރައްވާފައެވެ.

މަސްވެރިކަމުގެ މަޝްރޫޢު ޤާއިމްކުރުމުގެ ހުއްދައަށް އެދޭ ފޯމާ ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށަހަޅަންޖެހޭ މަޝްރޫޢުތަކަށް އެ ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މަޢުލޫމާތު ބަޔާންކުރާ ގައިޑްލައިން ފިޝަރީޒް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމުގައިވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ