ދަޢުލަތުގެ ޢާމްދަނީއާ ޚަރަދުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ވަރަށް އަވަހަށް ފެންނާނެ ގޮތް ހަދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ޕޯޓަލް މެދުވެރިކޮށް ރައްޔިތުން މަޖިލީހުގެ މެންބަރުން ތިއްބަވާ މޭޒު ކޮޅުގައި އިންނަ އައިޕެޑުން ދަޢުލަތުގެ ޢާމްދަނީއާ ޚަރަދު ފެންނާނެ ގޮތް ހެއްދެވުމަށް އަމީން އާއްމުގެ އަރިހުންވެސް އެދޭނެ ކަމަށެވެ.
ދަޢުލަތުގެ ޚަރަދު މިހާރު ޢާއްމު ކުރަމުން ގެންދަނީ ކޮންމެ ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީންނެވެ.
ދަޢުލަތުގެ ޚަރަދުތަކާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ، އެ މަޢުލޫމާތުތައް ވަރަށް އަވަހަށް މަޖިލިސް މެންބަރުންނަށް ފެންނާނެ ގޮތް ހަދާނެ ކަމަށެވެ.
ފައިސާ ހޯދާނެ ގޮތް މި ސަރުކާރަށް ނޭނގިގެން އުޅޭހެން ހީވާ ކަހަލަ ކަމަށާއި، ދަޢުލަތުގެ ރިސޯސް މެނޭޖުކުރަން ނޭނގޭކަމަށް ޖާބިރުގެ މި ވާހަކަފުޅުގައި ފާހަގަކުރިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ދަޢުލަތަށް ލިބެންޖެހޭ ޢާމްދަނީ އިތުރުކުރަން ޖެހޭ ކަމަށާއި ބޭކާރު ވެގެންދާ ފައިސާއަކީ ބޭކާރު ވެގެން ނުދާނެ ފައިސާއަކަށްވެސް ދަޢުލަތުން ހަދަންޖެހޭ ކަމަށެވެ. އަދި ފައިސާ ހޯދާނެ ގޮތް ނޭނގޭ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ވެއްޖެނަމަ އަދި ވަޒީރުންނަކީ ބޮޑެތި މަޝްރޫޢުތައް ރާއްޖެއަށް ގެންނަން ނޭނގޭ ފަރާތަކަށް ވެއްޖެ ކަމަށްވާނަމަ ދަޢުލަތް ދެކޮޅު ނުޖެހިގެން ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



