ޕޮލެންޑުގައި ދަރި ވައްޓާލުމަކީ މަނާކަމެއްކަމަށް، އެޤައުމުގެ ކަމާބެހޭ ފަރާތްތަކުން ނިންމުމާ ގުޅިގެން، ވަރުގަދަ މުޒާހަރާތަކެއް ކުރަމުން އެބަދެއެވެ. މިކަމާ ގުޅިގެން ޕޮލެންޑުގެ ވެރިރަށް ވާސޯ އާއި އެހެން ބައެއް ސިޓީތަކުގައި ކުރަމުންދާ މުޒާހަރާތައްވަނީ ތިން ދުވަހަށް ދެމިގެން ގޮސްފައެވެ.
އެޤައުމުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެފައިވާއިރު، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ދަނީ ބާރުގެ ބޭނުންވެސް ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންނަށް ނުދެވޭގޮތަށް މަގުތައް ބަންދުވެސް ކޮށްފައިވާއިރު، ކަރުނަ ގޭސްވެސް ދަނީ ބޭނުންކުރަމުންނެވެ.
މިކަމާ ގުޅިގެން ޕޮލެންޑުގެ ފުލުހުންގެ ތަރުޖަމާނަކު ހޮނިހިރު ދުވަހު ބުނެފައިވަނީ މުޒާހަރާގެ ތެރެއިން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި، އަދި މުޒާހަރާގެ ތެރެއިން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމުގައެވެ.
2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޕޮލެންޑުގެ ޤާނޫނީ ކޯޓަކުންވަނީ ގިނަ ޙާލަތްތަކުގައި ދަރި ވައްޓާނުލެވޭނެކަމަށް ބުނެ އަމުރެއް ނެރެފައެވެ. އެއީ ދަރީގެ ކިބައިގައި އައިބުކަމެއް ހުރިކަމުގައިވިޔަސް ބުނެފައިވެއެވެ. މި އަމުރަށް އަމަލު ކުރަން ފަށާފައިވަނީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ.
އެޤައުމުގެ ކަމާ ބެހޭ ފަރާތްތަކުން ނިންމާފައިވާ މި ނިންމުމާ ގުޅިގެން ދެން ދަރި ވައްޓާލުމަށް ހުއްދަ ދެވޭނީ ރޭޕް ނުވަތަ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން މާބަނޑުވެއްޖެނަމަ ނުވަތަ މާބަނޑު އަންހެން މީހާގެ ޞިއްޙަތު ނުރައްކަލުގެ ތެރޭގައި އޮތްނަމަ އެކަންޏެވެ.
ޕޮލެންޑަކީ ކެތަލިކް ޤައުމަކަށްވާއިރު، އެއީ ކުރިންވެސް ޔޫރަޕުގެ ޤައުމުތަކުގެ ތެރެއިން ދަރި ވެއްޓުމާ ދެކޮޅަށް އެންމެ ވަރުގަދަ ފިޔަވަޅު އަޅާފައިވާ އެއް ޤައުމުކަން ފާހަގަކުރެވެއެވެ.




