މުމްބާއީގައި، 19 އަހަރުގެ ޒުވާންފިރިހެން ކުއްޖަކު އޭނަގެ ލޯބިވެރިޔާގެ ގެއަށް ވަދެ ވައްކަން ކޮށްފިއެވެ. އެނާ މި އަހެންކުއްޖާގެ ގެއިން ވައްކަން ކޮށްފައިވަނީ، ރައްޓެހިވެގެން ކަމަށް ހެދި މަކަރާއި ހީލަތުންނެވެ.
ދަ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުން، ޝައިޒާޏް އަގްވާން ނަމަކަށްކިޔާ އެ ފިރިހެން ކުއްޖާ މި އަންހެން ކުއްޖާ އާއި ދިމާވީ އިންސްޓަގްރާމްއިން އެވެ. މި އަންހެން ކުއްޖާއަކީ މުއްސަންޖެއްގެ ދަރިއެކެވެ.
އެގޮތުން އެ އަންހެން ކުއްޖާއާއި ރަހްމަތްތެރިވުމަށްފަހު، މުމްބާއިގެ ކޮލަބާގައި ހުންނަ އެ އަންހެން ކުއްޖާގެ ގެއަށް ވަގަށް ވަދެ ވައްކަން ކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ. އޭރު އެ އަންހެން ކުއްޖާއާއި އެނާގެ އާއިލާ ވީ ދިގު މުއްދަތަކަށް ޗުއްޓީ ހޭދަކުރުމަށް އެހެން ތާކަށް ގޮހެވެ.
މި ވައްކަމުގައި ރަނުގެ އޯނަމެންޓްސް ތަކެއް އޭނާ ވަގަށް ނަގާފައިވާއިރު، މި ތަކެތީގެ އަގު 14 ލައްކަ ރުޕީސްއަށް އަރާނެކަމަށް ރިޕޯޓުކޮށްފައިވެއެވެ. މި ތަކެތީގެ އިތުރުން އޭނާ ވަނީ އައިފޯނަކާއި، ފައިސާތަކެއްވެސް އޭނަގެ ލޯބިވެރިޔާގެ ގެއިން ނަގައިފައެވެ.
އެ ގެއިން ވައްކަން ކޮށްފައިވާކަން އަންހެން ކުއްޖާގެ އާއިލާއަށް އެނގުނީ ޗުއްޓީ އިން އެނބުރި އައުމަށްފަހު ޖެނުވަރީ މަހުގެ 27 ގައެވެ. އަދި މައްސަލަ ފުލުހަށް ހުށައެޅީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ފިރިހެން ކުއްޖާ ގެއަށް ވަދެފައިވަނީ، އެ ގޭގެ ޑުޕްލިކޭޓް ތަޅުދަނޑިއެއް ބޭނުންކޮށްގެންނެވެ. އެގޮތުން ފިރިހެން ކުއްޖާގެ އަތަށް މީގެ ކުރިން ގޭގެ ތަޅުދަނޑި ދެވިފައިވާކަމަށް އަންހެން ކުއްޖާ ވަނީ ބުނެފައެވެ.
ތަޅުދަނޑި އެ ފިރިހެން ކުއްޖާގެ އަތަށް ދިންކަމަށް އަންހެން ކުއްޖާ އެއްބަސްވުމުން، ފުލުހުން ވަނީ ފިރިހެން ކުއްޖާ ހައްޔަރުކޮށްފައެވެ.
މި ވައްކަމުގައި އޭނާ ވަގަށް ނެގި އައިފޯނާއި ފައިސާތައް ވަނީ އަނބުރާ ހޯދިފައެވެ.




