ލ. ގަމު ގެއެއްގެ ތެރޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 40 އަހަރުގެ ދިވެހި ފިރެހެނެކެވެ.
ފުލުހުން ބުނެފައިވަނީ، އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގެއެއްގެ ކުއްޔަށް ދޭ ކޮޓަރިއެއްގެ ތެރޭގައި މިއަދު މެންދުރު ކަމަށާއި، އެ މީހާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ނަމަވެސް ހަށިގަނޑު އޮތީ ހަރުވެފައި ކަމަށެވެ. އަދި އެމީހާއަކީ ޗުއްޓީ އަށް ލ. އަތޮޅަށް ގޮސް އުޅުނު މީހެއްކަމަށެވެ.
މަރުވި މީހާގެ ހަށިގަނޑު މިހާރު އޮތީ ގަމު ރީޖަނަލް ހޮސްޕިޓަލްގައެވެ. ފުލުހުންދަނީ މިމައްސަލަ ތަހުގީގު ކުރަމުންނެވެ.
މިމަހުގެ ކުރީކޮޅު މާލޭ ގެސްޓު ހައުސް އެއްގެ ތެރޭގައިވެސް މަރުވެފައި އޮތް މީހަކު ވަނީ ފެނިފައެވެ.



