އިންޑިޔާގައި ޑޭމް އެއް ފަޅައިގެންގޮސް ހިނގި ޙާދިސާގައި 18 މަރު

އިންޑިޔާގެ ފަރުބަދަ މަތީ ސަރަޙައްދެއްގައި ހުންނަ ޑޭމް އެއްގެތެރެއަށް ގްލޭޝިޔާ އެއްގެ ބައެއް ކަނޑައިގެން ވެއްޓި، ޑޭމް ފަޅައިގެން ގޮސް ހިނގި ނުރައްކާތެރި ޙާދިސާގައި މިހާތަނަށް 18 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެފިއެވެ.

އުއްތަރަޚަންދު ސްޓޭޓުގައި ހިނގި މި ޙާދިސާގެ ތެރެއިން މަރުވި 18 މީހެއްގެ ހަށިގަނޑި ނަގާފައިވާއިރު، ގެއްލިފައިވާ 200 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް، ކަމާ ބެހޭ ފަރާތްތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.

މީސް މީޑިޔާގައި އާއްމުވެފައިވާ ވީޑިޔޯތަކުން ފެންނަ ގޮތުގައި ސައިޒުން ކުޑަ ޑޭމްގެ ތެރެއަށް ވެއްޓިފައިވަނީ ގްލޭޝިޔާ އެއްގެ ވަރަށް ބޮޑު ބައެކެވެ. އިއްޔެ މި ޙާދިސާ ހިނގާފައިވާއިރު، ޑޭމް ފަޅައިގެން ދިއުމުގެ ސަބަބުން އެސަރަޙައްދުގައި ހުރި ބައެއް ކޮންސްޓްރަކްޝަން އާލާތްތައް ހަލާކުވާ މަންޒަރާއި، ކުދި ބްރިޖުތައް ހަލާކުވާ މަންޒަރުވެސް މީސް މީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯތަކުން ފެނެއެވެ.

އުއްތަރަޚަންދުގެ ޗީފް މިނިސްޓަރު، ތްރިވެންދުރަ ސިންގު ރާވަތު ވިދާޅުވެފައިވާ ގޮތުގައި ޑޭމް ފަޅައިގެން ދިއުމާއެކު އޭގައި ހުރި ފެންތައް ވަނީ މުޅި ތަނަށް ބޭރުވެފައެވެ. އެއާއެކު މީހުންނާއި، ގެދޮރު އަދި ޖަނަވާރުވެސް ފެނުގެ ބާރުގައި އޮޔާ ގެންދިޔަކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅިގެން އެސަރަޙައްދުގެ ފަރުބަދަމަތީ ޓަނަލް އެއްގެ ތެރޭގައި މީހުން ތާށިވެފައިވާއިރު އެފަރާތްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. ޓަނަލް ތޮރުފުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމަށްޓަކައި އާލާތްތަކާއި، ރެސްކިއު ކުއްތާވެސް ވަނީ ހޯދާފައެވެ. އެހެންނަމަވެސް، އަދި އެތެރޭގައި ހުރި މީހަކާ މުވާސަލާތު ކުރެވިފައިނުވާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ