ނިމިގެންދިޔަ މެއި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓްކޮށްފައިވަނީ ޗައިނާއިން ކަމަށް މޯލްޑިސް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ރާއްޖެއަށް 3.6 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު އެ މުދަލުގެ 22 އިންސައްތައަކީ ޗައިނާއިން އެތެރެކުރި މުދަލެވެ. އަދި މިއީ 802 މިލިއަން ރުފިޔާގެ މުދާކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ދެވަނާގައި ޔޫއޭއީ އުޅޭއިރު އެޤައުމުން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަމަށް މިތަފާސް ހިސާބުން ދައްކައެވެ. ސިންގަޕޫރުން 425 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރަށް މިލިސްޓުން ލިބެނީ ތިންވަނައެވެ. އަދި އިންޑިއާއިން 295 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކުރިއިރު، ސްރީލަންކާއިން އެތެރެކޮށްފައިވަނީ 202 މިލިއަން ރުފިޔާގެ މުދަލެވެ.
ރާއްޖެއަށް އެތެރެކުރި މުދަލަށް ބަލާއިރު އެންމެ ގިނައިން އެތެރެކޮށްފައިވަނީ ތެލުގެ ބާބަތްތަކެވެ. އެއީ ޖުމްލަ އިމްޕޯޓުގެ 20 ޕަސެންޓު (713 މިލިއަން ރުފިޔާ) އެވެ.
އަދި ހަމަ ރާއްޖެއިން އެކްސްޕޯޓުކުރި މުދަލަށް ބަލާލާއިރު، 232 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. ރާއްޖެއިން މިދިޔަމަހު އެކްސްޕޯޓްކުރި މުދަލުގެ 47 އިންސައްތަ ތައިލެންޑަށް އެކްސްޕޯޓްކޮށްފައިވެއެވެ. މިމުދަލުގެ އަގު 109 މިލިއަން ރުފިޔާއަށް އަރާނެކަމަށްވެސް ކަސްޓަމްސްގެ ތަފާސް ހިސާބުން ދައްކައެވެ. ތައިލެންޑަކީ މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވާ ޤައުމެވެ.
Monthly Statistics- May 2019 pic.twitter.com/liy12g05Vt
— Maldives Customs (@CustomsMv) June 11, 2019
ދެވަނައަށް އެންމެ ގިނައިން އެކްސްޕޯޓްކުރީ ޖަރުމަން ވިލާތަށެވެ. އެގައުމުން 27 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު ތިންވަނާގައި އޮތް ފްރާންސަށް 19 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން އެމެރިކާ 13 މިލިއަން ރުފިޔާގެ މުދާ އަދި ވިއެޓްނާމަށް 10 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކުރިއެވެ.
ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރި މުދަލުގެ 32 ޕަސެބްޓަކީ ބޮޑު ކަންނެއްޔެވެ. އެއީ ޖުމްލަ އެކްސްޕޯޓުގެ 32 ޕަސެންޓެވެ.
މިދިޔަމަހު ރާއްޖެއަށް އިމްޕޯޓުކުރި މުދަލުގެ އަގު ޖުމްލަ 3.6 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި ރާއްޖެއިން އެކްސްޕޯޓު ކޮށްފައިވަނީ 232 މިލިއަން ރުފިޔާގެ މުދަލެވެ.
މިދިޔަމަހު ކަސްޓަމްސް ޑިއުޓީގެ ގޮތުގައި 271 މިލިއަން ރުފިޔާ ލިބުނުއިރު މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 15 ޕަސެންޓު އިތުރު އަދަދެކެވެ.



