ޢުމަރުގެފާނުގެ ދަރިކަލުން، ޢަބްދުއްﷲ އިބްނު ޢުމަރު، ވިދާޅުވާކަމުގައިވި މަޝްހޫރު ވާހަކަ އެއް އޮވެއެވެ. كَانَ ابْنُ عُمَرَ رضي الله عنهما يَقُولُ: إذَا أَمْسَيْتَ فَلَا تَنْتَظِرْ الصَّبَاحَ، وَإِذَا أَصْبَحْتَ فَلَا تَنْتَظِرْ الْمَسَاءَ، وَخُذْ مِنْ صِحَّتِك لِمَرَضِك، وَمِنْ حَيَاتِك لِمَوْتِك. (رَوَاهُ الْبُخَارِيُّ.) މާނައީ:- "އިބްނު ޢުމަރު رضي الله عنهما ވިދާޅުވާކަމުގައި ވެއެވެ. ”ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައިވާ ޙާލު ބަލިވެދާނޭކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ."
މިއީ ވަރަށްވެސް ބުއްދިވެރި ބަސްކޮޅެކެވެ. ޢިބުރަތުން ފުރިގެންވާ ދަރެހެކެވެ. މި އުއްމަތުގެ އެންމެ ޞާލިޙު ބޭފުޅުން ދެއްވާފައިވާ އިރުޝާދެވެ. ނަސޭހާތުގެ ގޮތުން މިއައްވުރެވަކި ބުއްދިވެރި ވާހަކައެއް ނޯންނާނެއެވެ. "ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ހެނދުނު ވެއްޖެނަމަ ހަވީރު ވާނޭކަމަށް އިންތިޒާރު ނުކުރާށެވެ. އަދި ތިބާ ދުޅަހެޔޮކަމުގައިވާ ޙާލު ބަލިވެދާނޭކަމަށް ތައްޔާރުވާށެވެ. އަދި ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ."
މިބަސްފުޅުގައި "ތިބާ ހަވީރު ވެއްޖެނަމަ ހެނދުނު ވާނޭ ކަމަށް އިންތިޒާރު ނުކުރާށެވެ." އޮތް އިބާރާތުގެ މާނައަކީ ތިބާގެ މައްޗަށް ޙަވީރު ވެރިވެއްޖެނަމަ ހެނދުނު ވަންދެން ތިބާ ދުނިޔޭގައި ހުންނާނެކަމަށް އުއްމީދު ނުކުރާށެވެ! މިނަސޭހަތުގައި ފުރަތަމަ ހަވީރު ގެނެސްފައިމިވަނީ ކީއްވެބާއެވެ؟ އެއީ އިންސާނާ ނިދުމަށްފަހު ހޭލާނީ ހެނދުނަށް ކަމަށް ވާތީއެވެ. ދެން އޭނާ ދުނިޔޭގައި ހުންނަ ވަގުތު އިރު ދައުރު ވަމުންދާނީ ހަވީރު ވުމާ ދިމާއަށެވެ. އެގޮތުގައި ހުއްޓާ ތިބާގެ މައްޗަށް ހަވީރު ވެއްޖެނަމަ، ނުވަތަ ތިބާއަށް ހަވީރުގެ ވަގުތާ ބައްދަލުވެއްޖެނަމަ، މާދަމާގެ ހެނދުނާ ބައްދަލުވާނެކަމަށް އުއްމީދު ނުކުރާށެވެ. މާދަމަ އަންނަންދެން ހެޔޮ ޢަމަލު ކުރުމަށް މަޑުނުކުރާށެވެ. މިއަދުގެ ހަވީރާއި އަނެއްދުވަހުގެ ހެނދުނާ ދެމެދުވެސް އެލިބޭ ވަގުތު ކޮޅުގެ ބޭނުން އެދެވޭ ގޮތުގައި ހިފާށެވެ. ދުނިގޭގެ ބުރަ މަސައްކަތުގައި އެއްވާނަކަށް ނޫޅެ، ދޭތެރެ ދޭތެރެއިން ކުރަން އޮންނަ ފަރުޟު ނަމާދު ތަކަށް ފުރިހަމައަށް ރައްކާތެރިވާށެވެ! ކުރާ ކޮންމެ ކަމެއް ﷲއަށްޓަކައި ހިތު ނިޔަތް ޚާލިޞް ކުރާށެވެ. ދިމާވާ ދަތިތަކަށް ކެތްތެރިވާށެވެ! ޒިކުރު ކުރުމުގައި ތިބާގެ ދޫ މަޝްޤޫލު ކުރާށެވެ!
ހަވީރަށްފަހު އޮންނާނީ ރޭގަނޑެވެ. ހެނދުނު ވަންދެން ދުނިޔޭގައި ހުންނާނެކަމަށް އިންތިޒާރުނުކޮށް، ރޭގަނޑުވެސް ހެޔޮޢަމަލުތަކުގައި މަޝްޣޫލުވުމަށް ހީވާގިވާށެވެ. ރޭގަނޑަކީ މީސްތަކުން ނިދާ ވަގުތެވެ. ހަމަހިމޭންކަން ދުނިޔެއަށް ވެރިވާ ވަގުތެވެ. މިވަގުތު، މީސްތަކުން ނިދާފައިތިއްބާ، ތެދުވެ ދަމުނަމާދު ކުރާށެވެ. އެކަން އެއީ ތިބާ ސުވަރުގެއަށް ގެންދާނެކަމެކެވެ. وَعَنْ عَبْدِاللَّهِ بنِ سَلاَم، أَنَّ النَّبِيَّ ﷺ قالَ: أَيُّهَا النَّاسُ أَفْشوا السَّلامَ، وَأَطْعِمُوا الطَّعَامَ، وَصَلُّوا باللَّيْل وَالنَّاسُ نِيامٌ، تَدخُلُوا الجَنَّةَ بِسَلامٍ. (رواهُ الترمذيُّ وقالَ: حديثٌ حسنٌ صحيحٌ.) މާނައީ:- "ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ސަލާމްގެ ކިބައިން ރިވާވެގެންވިއެވެ. ރަސޫލުﷲ ﷺ ޙަދީޘްފުޅު ކުރެއްވިއެވެ. "ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުން ފަތުރާށެވެ! އަދި އެކަކު އަނެކަކަށް ކާންދޭށެވެ! އަދި މީސްތަކުން ރޭގަނޑު ނިދާފައިވަނިކޮށް ތެދުވެ (ދަމު) ނަމާދު ކުރާށެވެ! އޭރުން ސަލާމަތްތެރިކަމާއެކު ސުވަރުގެއަށް ވަދެވޭހުއްޓެވެ."
އެހެންކަމުން ހެނދުނު އޭނާއާއި ބައްދަލުކޮށްފިނަމަ، ހަވީރު އޭނާއާއި ބައްދަލު ވުމުގެ ކުރިން މަރު އޭނާއާއި ބައްދަލު ކޮށްފާނެ ކަމުގެ އިންތިޒާރުގައި ހުރުން ބުއްދިވެރިއެވެ. ހަވީރު ވަންދެން އޭނާ ދުނިޔޭގައި ނުހުރެދާނެއެވެ. މިޙަޤީޤަތަށް ރިޢާޔަތްކޮށް ކިތަންމެ ކުޑަކަމެއްނަމަވެސް، ހެޔޮކަމެއްނަމަ އެކަމެއް ކުރަން އަވަސްވެގަންނާށެވެ.
"އަދި ތިބާ ދުޅަހެޔޮކަމުގައި ވާޙާލު ބަލިވެދާނޭ ކަމަށް ތައްޔާރުވާށެވެ." މީގެމާނައަކީ ބަލިވޭތޯ އިންތިޒާރު ކުރުމެއްނޫނެވެ. މީގެމާނައަކީ ބަލިވުމުގެ ކުރިން ދުޅަހެޔޮ ޙާލު އާޚިރަތަށް ގެންދާނެ ޘަވާބާއި ދަރުމަ ހޯދުމުގައި އަވަދި ނެތިވާށެވެ. ބަލިވުމުން އަޅުކަން ނުކުރެވި ހުންނަން ޖެހިދާނެތީއެވެ. ގައިބާރު ހުރި ދުވަހު އާޙިރަތަށް ގެންދާނެ ދަރު ކޮށްތު ތައްޔާރު ކުރާށެވެ.
"ތިބާ ދިރިހުށްޓައި، މަރަށް ތައްޔާރުވާށެވެ." މީގެ މާނައީ، މަރުގެ ވަގުތު އައުމުގެ ކުރިން ދުނިޔޭގައި ހެޔޮ ޢަމަލު ކުރާށެވެ. އެހެނީ ދުނިޔެއަކީ އާޚިރަތަށްޓަކައި މަސައްކަތްކުރަން އޮތް ދަނޑުބިމެވެ. އާޚިރަތުގައި މަސައްކަތް ކުރުމެއް ނުވެއެވެ. އެދުވަހުން އޮތީ މިދުނިޔޭގައި ކުރިގޮވާމުގެ މޭވާ ކެނޑުމެވެ. ކޮންމެ ވަގުތެއްގައިވެސް އެދުވަހާއި ބައްދަލު ކުރަން ޖެހިދާނެއެވެ. ޤިޔާމަތުގެ ވަޤުތަކީ އެއްވެސް އިންސާނަކަށް އެނގިގެންވާ އެއްޗެއްނޫނެވެ. އަދި ކޮންމެ މީހަކު މަރުވުމުން އެމީހެއްގެ ޤިޔާމަތް ފެށުނީއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ކޮންމެ ވަގުތަކުވެސް ހުންނަންވާނީ މަރަށް ތައްޔާރުވެ، ހުސިޔާރުވެގެންނެވެ. އިބްނު ކަޘީރު އެކަލޭގެފާނުގެ ފޮތް އަލްބިދާޔާ ވައްނިހާޔާގައި ބަޔަންކުރައވާފައިވެއެވެ. "މީހަކު މަރުވުމުން އޭނާ އެ ދަތުރުކުރީ އާޚިރަތަށެވެ."



