ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި މަންތާ އެއާގެ ސީޕްލޭނެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މިއީ ނުވަ މީހުންނާއެކު ދަތުރު ކުރި ސީ ޕްލޭންއެއް ކަމަށެވެ.
މަންތާ އެއާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަ ޕެސެންޖަރުންނާއި ތިން ކުރޫއިންނާ އެކު ކޯމޯ މާލިފުށި ރިސޯޓުން ފުރައިގެން އައި ސީޕްލޭން ވެއްޓުނީ މިއަދު ހެނދުނު 7:30 އެހާއިރު ވެލާނާ އެއާޕޯޓުގެ ސީޕްލޭން ބޭސްއަށް ޖައްސަން އުޅުމުގެ ތެރޭގައި އެ ސަރަހައްދަށް ކަމަށެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާގައި އެންމެންވެސް ސަލާމަތް ކުރެވިފައިވާކަމަށެވެ. ނަމަވެސް މި ހާދިސާގައި އެކަކުގެ ހުޅުވަނީ ނެއްޓިފައި ކަމަށާއި އަދި އެހެން ޕެސެންޖަރެއްގެ އަތަށް ވަނީ ތަދުވެފައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
ދަތުރުކުރި އެންމެންގެ މެޑިކަލް ޗެކަޕް ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ހުޅުމާލެ އެއާޕޯޓުގެ މެޑިކަލް ޓީމެއް އެއާޕޯޓަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.



