ގާތްގަނޑަކަށް މީގެ 9 އަހަރު ކުރިން ލަަވަކިޔުން ހުއްޓާލި ކުރީގެ މަޝްހޫރުލަވަކިޔުންތެރިޔާ މަރިޔަމް ޝާނީޒް (ޝާނީ)ގެ އަޑުން އަލުން ލަވައެއް އަޑުއިވިއްޖެއެވެ.
ހިންދީ ލަވަ "ޕެހެލާ ނަޝާ"ގެ ތަންކޮޅެއް ކިޔުމަށްފަހު ޝާނީ ވަނީ މީސްމީޑީއާއަށް މި ވީޑީއޯ ދޫކޮށްލައިފައެވެ. ވީޑިއޯއިން ޝާނީވެސް ފެނިގެންދެއެވެ.
13 އަހަރުވަންދެން ލަވަކިޔުމުގެ ތެރޭގައި އުޅުމަށްފަހު 2011 ވަނަ އަހަރު ޝާނީ ލަވަކިޔުން ހުއްޓާލީ ލަވަކިޔުމަކީ ދީނީ ގޮތުން ވެސް ހަރާން ކަމެއް ކަމަކަށް ގަބޫލު ކުރެވިގެން ކަމަށް ޝާނީ މީގެ ކުރިން ވަނީ ބުނެފައެވެ.
A lil bit of Pehela Nasha, just for fun
Raw vocals pic.twitter.com/JIkyPwuBeu— Shani ???? (@shani1i) February 16, 2021
ޝާނީ ވަރަށް ފަހަކުން "ދޯ"އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ލަވަކިޔުމާއި ދުރަށް ދިޔައީ ވަރަށް ބޮޑަށް ވިސްނުމަށްފަހު ކަމަށެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުން އޭނަގެ ވިސްނުން ބަދަލުވާން ފެށިކަމަށް ބުނެފައިވެއެވެ.
"އެހެން އެންމެން ފަދައިން އެ ހާދިސާވީ އަހަރެންނަށް އަސަރުތަކެއް ކުރުވި ކަމަކަށް. އަހަރެން ހިތަށް އަރަން ފެށީ އަހަރެމެން އިންސާނުންނަކީ އެއްވެސް ބާރެއް އޮތް ބައެއް ނޫނޭ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މުޅި ހަޔާތް ބަދަލުވުމަކީ ހާދަ ގާތުގައި އޮތް ކަމެކޭ." ގުދުރަތީ ކާރިސާތަކަށް ފޯބިއާއެއް ޑިވެލޮޕްވީކަމަށް ބުނެ "ދޯ"އަށް ދިން އިންޓަވިއުގައި ޝާނީ ބުނެފައިވެއެވެ.
"މިއުޒިކަކީ ރާއްޖޭގައި އެހާ ބޮޑު ފިއުޗާއެއް ނެތް ކެރިއާއެއްކަން އަބަދުވެސް ގަބޫލުކުރެވޭ. ދެން ހިތަށް އެރީ ކުއްލިއަކަށް މިކަމުން ދުރަށް ދާން ވީއޭ. އޭރުން މާ ހިތްހަމަޖެހުން ލިބޭނެއޭ. ލައިފް މާ ބޮޑަށް ޕީސްފުލް ވެސް ވާނެއޭ. ވަރަށް ބޮޑަށް ބްރޭކެއް ނަގަން ބޭނުންވެފައި ހުރެވުނީ ހަޔާތުގައި އެ ދުވަސްވަރު ދިމާވި އެހެން ކަމަކާ ގުޅިގެން ވެސް. އަސްލު އެ ހުރިހާ ކަމެއް، ބުރައެއް އަހަންނަށް މާ ބޮޑުވެގެން ދިޔައީ ހަމަ ކުއްލިއަކަށް." ލަވަކިޔުން ހުއްޓާލި ގޮތް ކިޔައިދެމުން ޝާނީ ބުނެފައިވެއެވެ.
"ޕެހެލާ ނަޝާ" ލަވައިގެ ތަންކޮޅެއް ކިޔުމަށްފަހު ޝާނީ ޓްވީޓާގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިއީ ހަމަ މަޖަލަކަށް ކޮށްލި ކަމެއް ކަމަށެވެ.
ޝާނީގެ މި ވީޑީއޯ މިހާރު މީސްމީޑިގައި ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.



