ހުވަފެނޭ ބުނުމުން އެބުނީ ކީކޭ ކަން ނޭނގޭނެ މީހަކު ނުހުންނާނެކަން ގައިމެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް ހުވަފެނުގެ ވާހަކަ އަޑުއިވިފައި ވާނެ މީހެކެވެ. ގިނަ މީހުންނަކީ އެކަން ތަޖުރިބާ ކޮށްފައިވާ އަދި ކުރަމުންދާ ބައެއްވެސް މެއެވެ. އެކި މީހުން އެކި މިންވަރަށެވެ. އެއްބަޔކަށް ހާހަކުން ފަހަރަކު ނޫނީ ހުވަފެނެއް ނުފެންނަ އިރު، އަނެއް ބަޔަކަށް ކޮންމެ ރެއަކުވެސް ހުވަފެން ފެނިދާނެއެވެ. ތަފާތު އެކި ކަހަލަ ހުވަފެންތަކެވެ. ހިތްއެދޭ އުފާވެރި ހުވަފެންތަކާއި، ހިތް އުދާސްކުރުވާ ފަދަ ހިތާމަވެރި އަދި އެހާމެ ބިރުވެރި ހުވަފެންތަކެވެ. ގަދައަށް ހަނދާނުގައި ހަރުލާފައި ހުންނަ ހުވަފެން ތަކާއި ކިތައްމެ ވަރަކަށް ހަނދާން ކުރަން އުޅުން ނަމަވެސް ހަނދާން ނުވާ ފަދަ ހުވަފެންތަކެވެ.
ސުވާލަކީ ތިބާއަށް ފެންނަ ހުވަފެނާމެދު ތިބާއަށް އެނގެނީ ކިހާ މިންވަރަކަށް ތޯއެވެ؟ ދީނީގޮތުން ބަލާއިރު ތިބާއަށް ފެނުނު ހުވަފެން 'ފިޓް' ވަނީ ކޮން ގިންތިއަކަށް ކަން ތިބާއަށް އެނގޭތޯއެވެ؟ ހުވަފެން ފެނުމުން އަމަލުކުރަން ދީނުގައި އަންގަވާފައިވާ ގޮތް ތިބާއަށް އެނގިފައި ވޭތޯއެވެ؟
ހުވަފެނުގެ ދިރާސާތައްކޮށް އެކަމުގެ ވާހަކަ ފުޅާ ދާއިރާއެއްގައި ދައްކަމުންދާ ބަޔަކީ މިއަދުގެ ސައިންޓިސްޓުން ކަމުގައި ތިބާއަށް ހީވެދާނެއެވެ. އެހެން ނަމަވެސް، މީގެ އެތައް ސަތޭކަ އަހަރުތަކެއް ކުރިން ހުވަފެނުގެ ވާހަކަތައް އަޅުގަނޑުމެންނަށް ވަނީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ (ޞ) ބަޔާން ކޮށްދެއްވާފައެވެ. ކީރިތި ޤުރުއާނާއި، މާތް ރަސޫލާ (ޞ) ގެ ސުންނަތުގައި، ހުވަފެނާ ބެހޭ އެތައް މައުލޫމާތުތަކެއް ވަނީ އަޅުގަނޑުމެންނަށް ހާމަކޮށްދެއްވާފައެވެ. އެގޮތުން، ހުވަފެން ބެހިގެންވާ ބައިތަކާއި، ހުވަފެން ދެނެގަންނާނެ ގޮތްތައް އަދި ހުވަފެން ފެނުމުން އަމަލު ކުރަންވީ ގޮތްވެސް ނުހަނު ފުރިހަމައަށް ވަނީ އަންގަވައިދެއްވާފައެވެ.
ހުވަފެން ބެހިގެންވާ ބައިތައް:
ޞަޙީޙް މުސްލިމުގައި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ، ރަސޫލާ (ޞ) ގެ ޙަދީޘެއްގައި ވާ ގޮތުން މުސްލިމަކަށް ފެންނަ ހުވަފެން ބެހެނީ 3 ބަޔަކަށެވެ. އެއީ، މާތްﷲ ގެ ރަޙްމަތުން އެކަލާނގެ ޞާލިޙު އަޅާއަށް ދައްކަވާ ރަނގަޅު ހުވަފެންތައް ނުވަތަ "އައް ރުއުޔާ" އާއި، ޝައިޠާނާގެ ފަރާތުން ފެންނަ ނުބައި ހުވަފެންތައް ނުވަތަ "އަލް ޙުލުމް" އަދި އަމިއްލައަށް ވިސްނާ ފިކުރުކުރާ ކަންތަކުގެ ސަބަބުން ފެންނަ ހުވަފެންތައް ނުވަތަ "އަޟްޣާޘުލް އަޙްލާމް" އެވެ.
އައް ރުއުޔާ
ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އައް ރުއުޔާއަކީ، މާތް ﷲ އެކަލާނގެ މުއުމިނު އަޅާއަށް ދައްކަވާ ރަނގަޅު ހުވަފެންތަކެވެ. އެކަލާނގެ އަޅުންގެ ހިތްތަކަށް ހަމަޖެހުން ގެނެސްދޭފަދަ އުފާވެރި ޚަބަރުތައް އެކުލެވޭ ހުވަފެންތަކެވެ. އެ ހުވަފެނުގެ ސަބަބުން، އަޅާއާއި އެކަލާނގެއާ ދެމެދު އޮންނަ ގުޅުން ބަދަހިވުމަށް ބާރުލިބޭ ހުވަފެންތަކެވެ. މިފަދަ ހުވަފެންތަކާ ބެހޭގޮތުން ކީރިތި ރަސޫލާ (ޞ) ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވަނީ "ތެދު ހުވަފެނަކީ ނަބީކަމުގެ 1/46 އެވެ." (ޞަޙީޙް މުސްލިމް އަދި ޞަޙީޙް ބުޚާރީ) ރަސޫލާ (ޞ) ގެ އެހެން ޙަދީޘް ބަސްފުޅެއްގައި ވާގޮތުން ނަބީކަން ޚަތިމްކުރެވުމަށްފަހު ނަބީކަމުން ހަމައެކަނި ދެމިއޮންނާނެ ބަޔަކީ ތެދު ހުވަފެން ފެނުމެވެ. ހަމައެހެންމެ، ޤިޔާމަތުގެ ވަގުތު ގާތްވި ވަރަކަށް މުއުމިނުންނަށް ފެންނަ ހުވަފެން ސީދާ ނުވެ ދިޔުމަކީ ނާދިރުކަމެއް ކަމަށާއި، އެންމެ ބޮޑަށް ތެދު ހުވަފެން ފެނުން ގާތްވެގެން ވަނީ އެމީހެއްގެ ބަހުގައި ތެދުވެރި ޞާލިޙު އަޅުންނަށް ކަމަށް ވެސް ޞަޙީޙް މުސްލިމް އަދި ޞަޙީޙް ބުޚާރީގައިވާ، ރަސޫލާ (ޞ) ގެ ބައެއް ޙަދީޘްތަކުގައި ބަޔާން ވެގެން ވެއެވެ.
ހުވަފެނާ ބެހޭގޮތުން ފަތުވާ ދެއްވާ ދީނީ އުސްތާޒުން، އައް ރުއުޔާ 2 ބަޔަކަށް ބައްސަވައެވެ. އެއް ބަޔަކީ ހުވަފެނުގައި ފެނުނު ގޮތަށް އެކަން ޙަޤީޤަތަކަށް ވެގެންދާ ހުވަފެންތަކެވެ. މިއީ ރަސޫލުންނާއި ނަބިއްޔުންނަށް އާންމު އެހެނަސް އެހެން އަޅުތަކުންނަށް އެންމެ މަދުން ފެންނަ ބާވަތުގެ ހުވަފެނެވެ. އިބްރާހީމް ޢަލައިހިއްސަލާމަށް ހުވަފެންފުޅުގައި އެކަލޭގެފާނުގެ ދަރިކަލުން ޛަބަހަ ކުރައްވާތީ ފެނިވަޑައިގަތް ގަތުމަކީ މިފަދަ ހުވަފެނުގެ މިސާލެކެވެ. އައް ރުއުޔާގެ ދެވަނަ ބާވަތްކަމަށް ޢިލްމުވެރިން ވިދާޅުވަނީ ހުވަފެނުން ފެންނަ ތަކެތިން އެހެން މާނައެއް ދެނެގަންނަން ޖެހޭފަދަ ހުވަފެންތަކެވެ. އެހެން ގޮތަކަށް ބުނާނަމަ، ހުވަފެނުގެ ތަޢުބީރަކަށް ބޭނުން ޖެހޭފަދަ ހުވަފެންތަކެވެ. މިފަދަ ހުވަފެނުގެ މިސާލެއްގެ ގޮތުގައި ޢިލްމުވެރިން ބަޔާންކުރައްވަނީ ޔޫސުފް އަލައިހިއްސަލާމަށް 11 ތަރިއާއި، އިރާއި، ހަނދު އެކަލޭގެފާނަށް ސަޖިދަ ކުރާތީ ފެނިވަޑައިގަތް ހުވަފެންފުޅެވެ.
އައް ރުއުޔާގެ ތެރޭގައި ހިމެނޭ ހުވަފެންތަކުން މީހާގެ ނަފްސަށް ހަމަނުޖެހުމާއި ބިރުވެރިކަން ނުލިބޭނެކަމަށް ދީނީ ޢިލްމުވެރިން ބަޔާން ކުރައްވައެވެ. އަދި، މިބާވަތުގެ ހުވަފެންތައް އެހާ އަވަހަށް މީހާގެ ހަނދާނުން ފޮހެވިގެން ނުދާނެކަމަށް ވެސް ޢިލްމުވެރިން ބަޔާން ކުރައްވައެވެ. މިފަދަ ހުވަފެނެއް ފެނިއްޖެ ކަމުގައި ވާނަމަ، އެމީހަކު އެންމެ ލޯބިވާ މީހަކަށް އެހުވަފެން ކިޔާދިނުމަށް ރަސޫލާ (ޞ) އިރުޝާދު ދެއްވާފައިވެއެވެ. އަދި، ބޭނުން ޖެހިއްދެ ހިނދެއްގައި، ހުވަފެން ތަޢުބީރު ކުރުމުގެ ޢިލްމު ލިބިފައިވާ މީހަކަށް އެހުވަފެން ހިއްސާކުރުމަށްވެސް ބާރުއަޅުއްވާފައިވެއެވެ. އެހެނަސް، ތިމާއަށް ހަސަދަވެރިވާ މީހުންގެ ހަސަދައިންނާ އެސްފީނާ ފަދަ ކަންކަމުން ސަލާމަތްވުމަށްޓަކައި އެފަދަ ކަންކަމަށް ތުހުމަތުކުރެވޭ މީހުންނަށް އެ ހުވަފެން ހިއްސާކުރުން ރަނގަޅުނޫންކަމަށް ޢިލްމުވެރިން ފަތުވާ ދެއްވައެވެ.
އަލް ޙުލުމް
މުސްލިމް އަޅާއަށް ފެންނަ އަނެއް ބާވަތުގެ ހުވަފެނަކީ އަލް ޙުލުމެވެ. މިއީ، ޝައިޠާނާގެ ފަރާތުން ފެންނަ ނުބައި ބިރުވެރި ހުވަފެންތަކެވެ. އިނގިރޭސި ބަހުން ކިޔައި އުޅޭގޮތުން ނަމަ 'ނައިޓްމެއަރ' އެވެ. ހަދީޘްތައް ދިރާސާކުރައްވާ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުވަފެނުގެ ސަބަބުން ހިނައިގަންނަން ޖެހޭފަދަ ހުވަފެންތައް ނުވަތަ 'ވެޓް ޑްރީމްސް' ވެސް ހިމެނެނީ އަލް ޙުލުމްގެ ތެރޭގައެވެ. އެހެނީ، ކީރިތި ޤުރުއާނުގެ ސޫރަތުލް އަޢުރާފުގެ 28 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ ".. ފާޙިޝްކަމަކަށް ހަމަކަށަވަރުން، ﷲ އަމުރެއް ނުކުރައްވަތެވެ..." މިފަދައިންނެވެ. މީގެ އިތުރުން، ސޫރަތުލް ބަޤަރާގެ 169 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އެ ޝައިޠާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަން ބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެން ނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނުމަށެވެ". މި އާޔަތްތަކުން ދަލީލު ނަންގަވައި ޢިލްމުވެރިން ބަޔާން ކުރައްވަނީ، ޝަހުވަތާއި ގުޅުން ހުރި ހުވަފެންތަކަކީ ﷲ ގެ ފަރާތުން އަންނަ ހުވަފެންތަކެއް ނޫންކަމުގައެވެ. ހަމައެހެންމެ، ހާސްކަންވެރިކުރުވާ ބިރުވެރި ހުވަފެންތަކަކީ ޝައިޠާނާގެ ފަރާތުން ފެންނަ ހުވަފެންތައް ކަމަށާއި، މިބާވަތްތަކުގެ ހުވަފެންތަކުގައި އެއްވެސް ޙަޤީޤަތެއް އެކުލެވިގެން ނުވާކަމަށް ވެސް އެބޭކަލުން ހާމަކުރައްވައެވެ.
އަލް ޙުލުމުގެ ޢަލާމާތެއް ގޮތުން ދީނީ ޢިލްމުވެރިން ބަޔާންކުރައްވާ އެއް ކަމަކީ ހާސްކަމާއި ނުތަނަވަސްކަމާއެކު، މާނޭވާ ލެވޭ ހާލު ކުއްލިއަކަށް ނިދިން ހޭލެވުމެވެ. ދުނިޔެވީ ކަންކަމާ ގުޅޭގޮތުން، މީހާގެ ބޯހާސްކުރުވާ، ބިރުވެރިކަމުގެ ތެރެއަށް ތިބާ ވައްޓާލާ ކޮންމެ ހުވަފެނަކީ ޝައިޠާނާގެ ފަރާތުން ފެންނަ ހުވަފެނެކެވެ. މިސާލަކަށް، މީހަކަށް ހުވަފެނުގައި އޭނާ ކާރު ދުއްވަނިކޮށް ނުރައްކާތެރި އެކްސިޑެންޓެއްގައި މަރުވާތީ ފެނިދާނެއެވެ. މި ފަދަ ހުވަފެންތަކަކީ އެއްވެސް ޙަޤީޤަތެއް ހިމެނޭ ހުވަފެންތަކެއް ނޫންކަމަށާއި، އެއީ ޝައިޠާނާ އެމީހަކާ ކުޅޭ ކުޅިވަރެއް ކަމަށް ހުވަފެނާ ބެހޭގޮތުން ފަތުވާ ދެއްވާ ބޭކަލުން ހާމަކުރައްވައެވެ. އަދި މިބާވަތުގެ ހުވަފެންތަކުގެ ސަބަބުން، އެމީހަކު ކުރަމުން އައި ކަންތައް ބަދަލުކޮށްގެން ނުވާނެކަމަށްވެސް އެބޭކަލުން ވިދާޅުވެއެވެ.
ހެޔޮ ރަނގަޅު ހުވަފެންވަނީ ﷲގެ ޙަޟްރަތުން ކަމަށާއި، ނުބައި ހުވަފެނަކީ ޝައިޠާނާގެ ފަރާތުން އަންނަ އެއްޗެއް ކަމަށް ރަސޫލާ (ޞ) ގެ ޞައްޙަ ޙަދީޘުންވެސް ޘާބިތުވެއެވެ. މިބާވަތުގެ ހުވަފެނެއް ފެނިއްޖެނަމަ އެއްވެސް މީހަކަށް (ތިމާ ލޯބިވާ މީހުންނަށް ވެސް) އެހުވަފެނުގެ ވާހކަ ކިޔައިނުދިނުމަށް ރަސޫލާ (ޞ) ވަނީ އިރުޝާދު ދެއްވާފައެވެ. އަދި، މިފަދަ ހުވަފެނެއް ފެނިއްޖެނަމަ، ﷲ ގެ ޙަޟްރަތުން، ޝައިޠާނާގެ ކިބައިން ރައްކާތެރިކުރެއްވުން އެދި ދެންނެވުމަށް ވަނީ އަންގަވާފައެވެ. އެގޮތުން، ހުވަފެނުން ހޭލެވުމާއެކު، އަޢޫޛު ކިޔުމަށްފަހު މީހާގެ ވާތްފަރާތަށް ކުޅު ނުބުރާނޭ ގޮތަށް 3 ފަހަރު ދުލުން އިޝާރާތް ކުރެއްވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. އަދި ކުރިން އޮށޯވެ އޮތްގޮތް ނޫން އެހެން ގޮތަކަށް ބަދަލުވެލުމަށްވެސް އެކަލޭގެފާނު ވަނީ އިރުޝާދު ދެއްވާފައެވެ. އެވަރުންވެސް، ހިތުގައިވާ ބިރުވެރިކަން ފިލާ ނުދާނަމަ ތެދުވެ، ވުޟޫކުރުމަށްފަހު 2 ރަކްޢަތް ނަމާދެއް ކުރުމަށް ވަނީ އަންގަވާފައެވެ.
އަޟްޣާޘުލް އަޙްލާމް
މިއީ އެންމެ އާންމުކޮށް މީހުންނަށް ފެންނަ ބާވަތުގެ ހުވަފެންތަކެވެ. މި ހުވަފެންތަކަށް 'ޙަދީޘުން ނަފްސް' ގެ ނަމުން ވެސް ކިޔައި އުޅެއެވެ. އެހެނީ މި ހުވަފެންތަކަކީ އެމީހެއްގެ އަމިއްލަ ނަފްސް އެ ދުވަހެއްގައި ކުރާ ކަންތަކެއްގެ މައްޗަށް ނުވަތަ އެމީހަކު ވިސްނާ ފިކުރު ކުރާ ކަންތަކުގެ މައްޗަށް ބިނާވެފައިވާ ހުވަފެންތަކެކެވެ. މިއަދުގެ ސައިންޓިސްޓުން އެންމެ ބޮޑަށް ދިރާސާ ކޮށް ވާހަކަ ދައްކަމުންދާ ހުވަފެންތަކަކީ މި ގިންތީގެ ތެރޭގައި ހިމެނޭ ހުވަފެންތަކެވެ.
އަޟްޣާޘުލް އަޙްލާމަކީ އޭގައި އެއްވެސް ހެވެއް އަދި ނުބައެއް ވެސް އެކުލެވިގެން ނުވާ ހުވަފެންތަކެއް ކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވެއެވެ. މި ބާވަތުގެ ހުވަފެންތަކުގެ އަލާމާތަކީ ފެންނަ ހުވަފެން އަވަހަށް ހަނދާނުން ފިލައި ދިޔުމެވެ. ނިދިން ހޭލި ވަގުތު ހަނދާން ހުރެފައި، ފަހުން ކިތައްމެ ވަރަކަށް ހަނދާން ކުރަން އުޅުން ނަމަވެސް ހަނދާން ނުވާނަމަ، އެއީ ޙަދީޘުއް ނަފްސެއް ގޮތުގައި ބެލިދާނެއެވެ. މީހަކު އަބަދު ކާރެއް ގަތުމުގެ ޚިޔާލުކުރަނިކޮށް، އޭނާގެ ހުވަފެނުގައި އެ ކާރު ދުއްވާ ތަން ފެނުމަކީ މިފަދަ ހުވަފެނުގެ މިސާލެކެވެ. މި ބާވަތުގެ ހުވަފެންތަކާ ގުޅިގެން ޢަމަލު ކުރަން ޖެހޭ ވަކި ޚާއްސަ ގޮތެއް ރަސޫލާ (ޞ) ގެ ސުންނަތުން ފާހަގަކުރެވިފައެއް ނުވެއެވެ.
ޙަދީޘުއް ނަފްސްގެ ހުވަފެންތަކަކަކީ އަމިއްލަ ނަފްސުގެ މައްޗަށް ބަރޯސާވާ ހުވަފެންތަކަކަށް ވުމާއެކު، މިފަދަ ހުވަފެންތަކުގެ ސަބަބުން މީހާގެ ހަޔާތަށް މަންފާ ކުރާ ފަހަރުވެސް އަތުވެދާނެއެވެ. މިސާލަކަށް މާބޮޑަށް ކަމަކާ ފިކުރުކޮށް ހަނދާނެ ގޮތް ހުސްވެފައިވާ ދަނޑިވަޅެއްގައި މިފަދަ ހުވަފެނެއްގެ ޒަރީއާއިން އެ މައްސަލަތައް ހައްލު ކުރާނެ ގޮތް ފެނިގެންދިޔުމަކީ ވެދާނެކަމެކެވެ. ދަރިވަރުން ފިލާވަޅު މުޠާލިޢާ ކުރަމުންދާ ދުވަސްވަރެއްގައި، ނޭނގިގެން އުޅޭ ސުވާލްތަކުގެ ޖަވާބު ހޯދާނެ ގޮތް އެ ދަރިވަރުގެ ހުވަފެނުގައި ފެނުމަކީ ދުރުގައިވާ ކަމެއް ނޫންކަމަށް ސައިންޓިފިކް ހޯދުންތައްވެސް ހެކިދެއެވެ. ވުމާއެކު، މާބޮޑަށް ފިކުރުކުރާ ކަމެއް ވާނަމަ ކުޑަވަގުތު ކޮޅަކަށް ނިދާލުމަކީ މީހާގެ ބޯހާސްކަން ފިލުވައިލުމަށްޓަކައި ކޮށްލުން ހަމަ އެންމެ ރަނގަޅުކަމެކެވެ. އަދި، ދަރިވަރުން މުޠާލިޢާ ކުރުމަށްޓަކައި 'ސްޓަޑީ އެންޑް ސްލީޕް ޓެކްނިކް' ފަދަ އުކުޅުތައް ބޭނުން ކުރުމަކީ އެކަމުގެ ސަބަބުން ފިލާވަޅުތައް އިތުރަށް ދަސްކުރުމަށްޓަކައި އެހީތެރިވެދޭނެ ކަމެއްވެސްމެއެވެ.
ހުވަފެނަކީ ކީރިތި ޤުރުއާނާއި ރަސޫލާ (ޞ) ގެ ސުންނަތުގައި އެކަމާ ގުޅޭ ވާހަކަތައް ބަޔާން ކުރެވިފައިވާ އަޅުގަނޑުމެންގެ ޙަޔާތާ ނުހަނު ގުޅުން ހުރި ކަމެކެވެ. ވުމާއެކު، އަޅުގަނޑުމެން އެންމެންނަކީ، އަޅުގަނޑުމެންނަށް ފެންނަ ހުވަފެންތަކާމެދުވެސް އިސްލާމްދީނުގައި އޮންނަ އުސޫލްތަކަށް ތަބާވުމަށް މަސައްކަތް ކުރާ ބަޔަކަށް ވަމާ ހިންގަވާށެވެ. ހުވަފެނަކީ ބިލާހެކޭ ބުނުމުގެ ބަދަލުގައި، ދީނީ ނަޒަރަކުން ހުވަފެނާ މެދު ވިސްނާ ފިކުރުކުރާ ބަޔަކު ކަމުގައި ވަމާ ހިންގަވާށެވެ. ފެންނަ ކޮންމެ ހުވަފެނެއްގެ ވާހަކަ އެހެން މީހެއް ގާތު ދެއްކުމުގެ ކުރިން އެއީ ކޮން ބާވަތެއްގެ ހުވަފެނެއްތޯ ދެނެގަންނަން މަސައްކަތް ކުރާ ބަޔަކަށް ވަމާ ހިންގަވާށެވެ. މާތް ﷲ އަޅަމެންނަށް ހެޔޮ ރަނގަޅު ހުވަފެން ދައްކަވާ، ޝައިޠާނާގެ ބިރުވެރި ހުވަފެންތަކުން ރައްކާތެރި ކުރައްވާށިއެވެ.



