ނައިބް ރައީސް ފައިސަލް ނަސީމް / ފޮޓޯ: ޕީއެސްއެމް

ތަރައްޤީއަކީ ތިމާވެށިގެ މުއްސަނދިކަން ނަގާލާ ކަމަކަށް ހަދައިގެން ނުވާނެ - ނާއިބް ރައީސް

ތަރައްޤީއަށްޓަކައި ގެންނަ ބަދަލުތަކަކީ ތިމާވެށީގެ މުއްސަނދިކަން ނަގާލަ ކަމަކަށް ވެގެން ނުވާނެކަމަށް ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ފޮޓޯ މަޢުރަޒް "ދިވެހި ތާރީޚްގެތެރެއިން ތިމާވެށި" ހުޅުއްވައިދެއްވައި ވާހަކަދައްކަވަމުން ނައިބް ރައީސް ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ތިމާވެއްޓާއި ރައްޓެހި ގޮތްތައް ދިވެހިން އަށަގަންނުވަން ޖެހޭކަމަށެވެ. 

"ދިވެހި ތާރީޚްގެތެރެއިން ތިމާވެށި"މަޢުރަޒަކީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ ތިމާވެއްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީޚީ ފޮޓޯ އެކުލެވޭ މައުރަޒެކެވެ.

މިމަޢުރަޒް ހުޅުއްވަވައިދެއްވައި ވާހަކަދައްކަވަމުން ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ މިފަދަ ފޮޓޯތަކަކީ ތިމާވެއްޓާމެދު ސަމާލުވުމަށް ދެވޭ އިންޒާރެއްކަމަށާއި، އެގޮތުން އެހާރާއި މިހާރަށް ބަލާއިރު ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަކީ އެކަމަށް ދުރާލައި ފިޔަވަޅު އަޅައިގެން މެނުވީ ޙައްލުކުރެވޭނެ ކަންކަމަށް ނުވާނެކަމަށެވެ. އެގޮތުން ޚާއްސަކޮށް އިންސާނުންގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ނައިބް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

"ތަރައްޤީއަކީ ތިމާވެށީގެ މުއްސަނދިކަން ނަގާލާ ކަމަށް ވެގެން ނުވާނެ. ގަސް ކެނޑުން ވާންޖެހޭނީ އެންމެ ފަހު އޮޕްޝަންއަކަށް." ނައިބް ރައިސް ވިދާޅުވިއެވެ.

އެންވާރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ މީގެ އެތަށް ޒަމާނެއްކުރިއްސުރެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކާބަފައިން މުހިންމު މަސައްކަތްތައްކެއް ކޮށްފައިވާކަން ފެންނަން އެބަހުރިކަމަށާއި، އެގޮތުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފަމުން އައިސްފައިވާ ގޮތްތަކާއި، ތިމާވެއްޓަށް އޭރުންފެށިގެން އައިސްފައިވާ ބަދަލުތަކާއި، އަދި މައްސަލަތައް ޙައްލުކުރުމަށް ފިޔަވަޅު އަޅާފައިވާކަން އެނގެން ހުރިކަމަށް އޭނާ ވިދާޅުވިއެވެ. 

"ލަކުޑީގެ ބޭނުމަށް ރުކާއި ގަސް ކެނޑޭނި ގޮތާގުޅޭ ޤަވާއިދުތައް އެބަހުރި. ރަށްގިރުން ހުއްޓުވުމަށް ފިޔަވަޅުތައް އެޅި." ޒާހިރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓްރީ އޮފް އަރޓް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މިނިސްޓަރ ޔުމްނާ ވިދާޅުވީ ތިމާވެއްޓާ ގުޅޭ ޤަވާޢިދުތައް ހެދުމާއި، ނިންމުންތައް ނިންމުމުގައި މިގޮތަށް ރައްކާކުރެވިފައިވާ މަޢުލޫމާތުގެ މުހިންމުުކަން ވަރަށް ބޮޑުކަމަށެވެ. މިނިސްޓަރވަނީ އެކި ދަޢުރުތަކުގައި ތިމާވެށި ޙިމާޔަތްކުރުމަށް އެކި ސަރުކާރުތަކުން ކުރައްވާފައިވާ މަސައްކަތް ފާހަގަކުރައްވާފައެވެ. 

"ރައީސް މައުމޫނާއި ރައީސް ނަޝީދު ވަނީ ދިވެހި ރާއްޖެއާއި އަދި މިފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްގުގައި ތިމަވެށީގެ މައްސަލަތައް ދުނިޔޭގެ ސަމާލްކަމަށް ގެނެސްފައި" މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. 

މިމަހުގެ 13އާ ހަމައަށް ކުރިއަށްދާ މި މައުރަޒުގައި އެކިރަށްރަށުގެ ޤުދުރަތީ ވެށީގެ ފޮޓޯތަކާއި، ތިމާވެށި ޙިމާޔަތް ކުރުމަށްމަށް ކޮށްފައިވާ މަސައްކަތް އަދި ތިމާވެއްޓާގުޅޭ ތާރީޚީ ލިޔުންތައް ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ