ފްރާންސްގައި މިހާރު ކުރިއަށްދާ ފީފާ ވޮމެންސް ވޯލްޑްކަޕްގައި ރޭ ކުޅުނު މެޗުގައި 13-0 ގެ ނަތިޖާއަކުން ތައިލެންޑް ބަލިކޮށް އެމެރިކާ އަންހެން ޤައުމީޓީމު ރެކޯޑު ފޮތުން ޖާގަ ހޯދައިފިއެވެ.
މިއީ ފީފާ ވޯލްޑްކަޕް މެޗެއްގައި މިހާ ބޮޑު ތަފާތަކުން ޓީމެއް މޮޅުވި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފު 3-0 ގެ ނަތީޖާއަކުން ނިމިފައިވާއިރު ދެވަނަ ހާފުގައި އެމެރިކާ ޓީމުން 10 ލަނޑު ޖަހާފައިވެއެވެ.
ރޭގެ މެޗުގައި އެމެރިކާގެ ކުރިއަށް ކުޅެމުން އަންނަ އެލެކްސް މޯގަން 5 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. މިއީ ވޯލްޑްކަޕް މެޗެއްގައި އެއް ކުޅުންތެރިއަކު އެންމެ ގިނައިން ލަނޑުޖެހި އަދަދެވެ. ހަމަ މިއަދަދަށް އެމެރިކާގެ އަންހެން ގައުމީ ޓީމަށް ކުރިން ކުޅުނު މިޝޭލް އެކާސްވެސް ވޯލްޑްކަޕް މެޗެއްގައި ލަނޑުޖަހާފައިވެއެވެ.

މީގެ އިތުރުން މެދުތެރެއަށް ކުޅެމުން އަންނަ ރޯސް ލަވެލޭ އަދި ސަމަންތާ މެވިސް މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. އެމެރިކާ ޓީމުގެ 3 ކުޅުންތެރިއަކު 1 ލަނޑަށްވުރެ އިތުރަށް ރޭގެ މެޗުގައި ލަނޑު ޖަހާފައިވާއިރު، މިއީ ވޯލްޑްކަޕް މެޗެއްގައި އެއް ޓީމެއްގެ ތިން ކުޅުންތެރިއަކު 1 ލަނޑަށްވުރެ އިތުރަށް ލަނޑުޖެހި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗުގައި ލަނޑުޖެހި ކުޅުންތެރިންގެ ތެރޭގައި އެމެރިކާ ޓީމުން އަލަން ފެނިލި ކުޅުންތެރިންވެސް ހިމެނެއެވެ. އޭގެތެރޭގައި ރޯސް ލަވެލޭ، ސަމަންތާ މެވިސް، ލިންސޭ ހޯރަން އަދި މެލޮރީ ޕަފް ހިމެނެއެވެ.
ކުޅުނު ފުރަތަމަ މެޗުން ލިބުނު ބޮޑު ކާމިޔާބީއާއެކު އެމެރިކާ އޮތީ ގްރޫޕް އެފް ގެ އެއްވަނާގައެވެ.
ގްރޫޕް އެފް ގައި ރޭ ކުޅެވުނު އަނެއް މެޗުގެ ނަތީޖާއަށް ބަލާލާއިރު، ވަރުގަދަ ބައްދަލުކުރުމަކަށްފަހު ޗިލީ އަތުން ސްވިޑަން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.




