ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟

މުޅި އިންސާނިއްޔަތު ހުއްޓުމަކަށް ގެނުވާވަރު ބިރުވެރިކަމެއް ފެތުރި ޢާއްމުވަމުން އަނެއްކާ ވެސް މިހިރަ ދަނީއެވެ. ކޮވިޑް-19 ވަނީ މީސްތަކުންގެ ހިތްތަކުގައި ނާމާން އިހުސާސެއް ކުރުވާފައެވެ. ތިބާ ވެސް މީގެ ޚަބަރު އަހައިފީމު ނޫންހެއްޔެވެ؟ ބިރު ވެސް އެބަގަނޭ ހެއްޔެވެ؟ އެކަމަކު ބުނެބަލާށެވެ! ތިބާގެ ހިތުގައި އޮތީ ކޮރޯނާގެ ބިރު ތޯއެވެ؟

ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް އުފައްދަވާ، މުޅި ކާއިނާތު ހިންގަވާ މަތިވެރި ޚާލިގު އުފެއްދެވި މަޚްލޫޤެއްކަމުގައިނޫނީ އެ ކޮރޯނާ ނުވެއެވެ. އެއީ ކާއިނަތުގައިވާ ގުރަހަތަކާއި، އަހުރުމެން އިންސާނުންނާއި، ފަނިފަކުސާތަކުގެ އިތުރަށް ލޮލަށް ނުފެންނަ ޖަރާސީމުތައް ވެސް ވުޖޫދު ކުރެއްވި އިލާހެވެ.

ހުންރޯގާއެއް ޖެހިއްޖެނަމަ އަޅުގަނޑުމެން އެކަކުވެސް ހާސްވެގެން އުޅޭތީ ނުފެނެއެވެ. ޕެނެޑޯލްފަދަ އަތްމަތީބޭހެއް ބޭނުންކޮށްލުމުން ދެތިން ދުވަސްތެރޭ އެ ރޯގާއެއް ފިލާ ހިނގައިދާނެތީއެވެ. އެއަށްވުރެ ގިނަދުވަހަށް ބަލި ދެމި ހުރެއްޖެނަމަ ޞިއްޙީމާހިރެއްގެ ލަފަޔާއެކު އެންޓިބަޔޮޓިކް ބޭނުންކުރުމުން، އެ ރޯގާއަށް ތިބާގެ ހަށިގަނޑުގައި ދެމި ނުހެރެވޭނެކަން ތިބާ ޔަގީން ކުރެއެވެ. ކޮރޯނާއަކީވެސް ވައިރަހެކެވެ. އެހެނަސް އެއަށް ދޭނެ ދިފާއީ ދަވާއެއް ނެތް ރޯގާއެކެވެ. ބަލިވީކަން ވެސް ނޭނގި ދުވަސްތަކެއް ހޭދަވާ ވަބާއެކެވެ. ނޭވާލާ ނިޒާމުގެ ވަޒީފާއަށް ހުރަސްއަޅާ މި ބައްޔަކީ ތިބާ ދުނިޔެއާ ވަކިކޮށްލާނީ ކޮންވަގުތަކުކަން އަންދާޒްކޮށްލަން ވެސް ނޭނގޭ ހަމަލާއެކެވެ. އާނއެކެވެ. ކޮރޯނާއާ މެދު ދެކެވޭ ޢާއްމު ނަޒަރިއްޔާއަކީ ނުވަތަ އެއިން ނުކުންނަ އާންމު ނަތީޖާއަކީ މަރެވެ.

އަލް-މުލްކު ސޫރަތުގެ 2ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَهُوَ الْعَزِيزُ الْغَفُورُ﴾ (الملك: 2). މާނައީ:- "އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ اِمْتِحَان ކުރެއްވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ، عَزِيْز ވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ."

އެއްވެސް ބައްޔެއް ރަނގަޅުވެއްޖެނަމަ އެއީ ދިރިހުރުމެކެވެ. އެހެނަސް ބައްޔެއްގެސަބަބުން ރަނގަޅުވުމުގެ އުއްމީދު ނެތްނަމަ ދެން ތިބާގެ ކުރިމަތީ ވަނީ ﷲ އުފެއްދެވި މަޚްލޫގެއްކަމަށްވާ މަރެވެ. ތިބާ ތި ބިރުގަންނަނީ ކޮރޯނާދެކެ ތޯއެވެ؟ ނުވަތަ ތިބާއަށް ތިޔަ ބިރުގަނެވެނީ މަރުދެކެތޯއެވެ؟

މަރު އެއީ ކޮންމެ ނަފްސަކަށްމެ ކުރިމަތިވާނޭ ކަމެކެވެ. ﴿ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ... ﴾ (آل عمران: 185). މާނައީ:- "ކޮންމެ نفس އަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. ..." ބިރުގަނެ ވިސްނާ ފިކުރުކުރަންވީ މަރުވާނެތީއެއްނޫނެވެ. ގަދައަޅާ މަސައްކަތް ކުރަންވީ ތިބާއާއި މަރު ބައްދަލު ކުރާހިނދު އީމާންތެރިކަމުގެ ގޮތުން ރަނގަޅު ޙާލަތެއްގައި ތިބާއަށް ހުރެވޭތޯއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ