ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ މިއަދު އީރާނަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިއީ ޖަޕާނުގެ އިސް ބޭފުޅަކު މި ފަހުގެ ތާރީހެއްގައި އީރާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ކަމުގައި ވެގެންދާނެއެވެ. ޖަޕާނުގެ ބޮޑުވަޒީރު އީރާނަށް ދަތުރުފުޅެއް ކުރައްވާކަން ހާމަކޮށްފައި މިވަނީ އެމެރިކާ އާއި އިރާނުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްގައެވެ.
ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޝިންޒޯ އަބޭގެ މި ދަތުރުފުޅުގައި އެމެރިކާ އާއި އީރާނާއި ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށްޓަކައި މަޝްވަރާ ކުރައްވާނެއެވެ. ޖަޕާނަކީ އީރާނާއި އަދި އެމެރިކާ އާއި ގާތްގުޅުމެއް އޮންނަ ގައުމެކެވެ.
ޝިންޒޯ އަބޭގެ މި ދަތުރުފުޅުގައި އިރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަދި އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވެއެވެ.
މި އަހަރަކީ ޖަޕާނާއި އީރާނުން ސިޔާސީ ގުޅުން ގާއިމު ކުރިތާ 90 އަހަރުފުރޭ އަހަރު ކަންވެސް ފާހަގަ ކޮށްލެވެއެވެ.




