ޗެމްޕިއަންސް ލީގުގައި ލިވަޕޫލް ހޯދި ބޮޑުކާމިޔާބީއާއެކު ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް 24K ރަނުން ޑިޒައިންކޮށްފައިވާ އައިފޯން އެކްސް އެއް ދިނުމަށް ލިވަޕޫލްއިންވަނީ ނިންމާފައެވެ.
ލިވަޕޫލާއި ގުޅިގެން 28 އައިފޯން އެކްސް އެސް ޑިޒައިން ކުރުމަށް އައިޑިޒައިން ގޯލްޑުން ނިންމާފައިވާއިރު ޓީމު ކުޅުންތެރިންގެ އިތުރުން ކޯޗު ކޮލަޕަށްވެސް މީގެ ފޯނެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މިސީޒަންގެ ޗެމްޕިއަންސް ލީގު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ ފައިނަލްގައި ޓޮޓޭންހާމްއާއި ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން ޓޮޓޭންހާމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.
View this post on InstagramA post shared by iDesign Gold (@idesigngold) on
ފައިނަލް މެޗުގެ ފުރަތަމަ ލަނޑަކީ މެޗުގެ ފުރަތަމަ މިނަޓްގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. އޭރިއާ ތެރެއިން ސިސޯކޯގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ ލިވަޕޫލްގެ މުޙައްމަދު ސަލާޙް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ދެވަނަ މިނަޓްގައެވެ.
އަދި ދެވަނަ ލަނޑު މެޗުގެ 88 ވަނަ މިނަޓްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އޮރިގީ ކާމިޔާބުކޮށްދިނީ ލިބުނު ކޯނަރަކުންނެވެ.
ލިވަޕޫލް ޔޫރަޕްގެ ރަސްކަމަށް އެނބުރި އައިސްފައިމިވަނީ 14 އަހަރުގެ ދިގު އިންތިޒާރަކަށްފަހުއެވެ.
ކްލޮޕްގެ އިރުޝާދުގެ ދަށުން ކުޅުމެއް އަންނަ ޒުވާން ލިވަޕޫލް ޓީމުން ލީގުގައިވެސްވަނީ ތަފާތު މޮޅުކުޅެއް ދައްކާފައެވެ. ސިޓީއާއި ވާދަކޮށް ލިވަޕޫލަށް ލީގު ގެއްލުނުއިރު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. 97 ޕޮއިންޓާއެކު ލިވަޕޫލަށް ލީގުން ދެވަނަ ލިބުނުއިރު ސިޓީ އެއްވަނަ ހޯދީ 98 ޕޮއިންޓާއެކުގައެވެ.




