ދިވެހިރާއްޖެއާއި ޖަޕާނުގެ ސަރުކާރާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ 3 ވަނަ ބައްދަލުވުން 4 މާރޗް 2021 ގައި އޮންނާނެއެވެ.
ކޮވިޑް-19 ގެ ސަބަބުން ވަރޗުއަލްކޮށް ބާއްވާ މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ޚަލީލްއެވެ. އަދި ޖަޕާނުގެ ފަރާތުން އެގައުމުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ ޖަޕާނުގެ ޚާރިޖީ ވުޒާރާގެ ސައުތުއީސްޓް އެންޑް ސައުތުވެސްޓް އޭޝިއަން އެފެއާޒް ޑިޕާޓްމެންޓްގެ ޑިރެކްޓަރ ޖެނެރަލް ކޮބަޔަޝީ ކެނިޗީއެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވޭނީ ތަރައްގީއާ އިޤްތިސާދީގޮތުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ކޮވިޑް-19 އިން ރައްކާތެރިވުމާ، ފަތުރުވެރިކަމާ ގުޅޭގޮތުންނެވެ. އަދި މީގެ އިތުރުން ދެގައުމުގެ ދައުރު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައްސަލަތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވޭނެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ދިމާވި އިގްތިސާދީ ހީނަރުކަމުން އަރައިގަތުމަށާއި، ފުދުންތެރި ގައުމަކަށް ދިވެހިރާއްޖެ ވާސިލްވުމަށްކުރާ މަސައްކަތުގައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާއި އެކު މިފަދަ މަޝްވަރާ ބައްދަލުވުންތައް ބާއްވަން ދިވެހި ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައެވެ.
ދެގައުމުގެ އިގްތިސާދީ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދިވެހިރާއްޖެއާއި ޖަޕާނާއި ދެމެދު މިފަދަ މަޝްވަރާ ބައްދަލުވުންތައް އާއްމުކޮށް ބޭއްވެއެވެ. ޖަޕާން-މޯލްޑިވްސް ޕޮލިސީ ޑައިލޮގް ގެ އެންމެ ފަހުގެ ބައްދަލުވުން ބޭއްވީ އޮގަސްޓް 2019 ގައެވެ.