ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ނުވަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރަނީ

ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން ނުވަ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އެއްބަސް ވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރާ ރަށްތަކަކީ ބ. ހިތާދޫ [35.5 މިލިއަން ރުފިޔާއަށް]، ރ. ރަސްގެތީމް [24.2 މިލިއަން ރުފިޔާއަށް]، ތ. ވަންދޫ [20.8 މިލިއަން]، ރ. ވާދޫ [19.2 މިލިއަން]، ށ. ކޮމަންޑޫ [23.5 މިލިއަން] ،ށ. މަރޮށި [35.3 މިލިއަން] އަދި ތ. ކަނޑޫދޫ [19.2 މިލިއަން] އެވެ.

ނަރުދަމާ ނިޒާމް ގާއިމްކުރާ ރަށަކީ ށ. ފޯކައިދޫ [16.9 މިލިއަން]އެވެ. އަދި ފެނުގެ ނިޒާމް ގާއިމްކުރާ ރަށަކީ ށ. ކަނޑިތީމް [17.9 މިލިއަން] އެވެ.

މިރަށްތަކުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕްލޭނިން މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެ ވިދާޅުވީ، އީޕީއޭގެ ހުއްދަ ލިބުމުން މި މަޝްރޫއު ތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިއީ ދެ އަހަރު ދުވަހުގެ މުއްދަތަށް ދެމިގެންދާ މަޝްރޫއު ތަކެއް ކަމަށެވެ.

މި ދައުރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރެއިން އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ