ޏ. ފުވައްމުލަކުން މަހަށް ނުކުތް ޑިންގީ އެއްގެ ހަބަރު ނުވެގެން، ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މިހާރު އެ ޑިންގީ ފެނިފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މި ޑިންގީ މަހަށް ނުކުމެފައިވަނީ ރޭ ފަތިހު 04:30 ހާއިރު ކަމަށެވެ. އަދި ޑިންގީގެ ހަބަރެއް ނުވެގެން އެކަމުގެ ރިޕޯޓު ކޮށްފައިވަނީ ޑިންގީ އިން މަހަށް ދިޔަ މީހެއްގެ އާއިލާގެ ފަރާތުން މިއަދު 10:40 ހާއިރު ކަމަށެވެ.
މި ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ހެލިކޮޕްޓަރާއި އެމްއެންޑީއެފް ކޯސްޓުގާޑުގެ "ނޫރައްދީން" ލޯންޗުގެ އިތުރުން، ސީ އެނބިއުލަންސް ވެސް ބޭނުން ކުރިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ޑިންގީ އިން ދަތުރު ކުރި މީހުންނާއި ޑިންގީގެ ވެރިފަރާތާ މިހާރުވަނީ ފޯނުން މުއާމަލާތް ކުރެވިފައި ކަމަށެވެ. އަދި ޑިންގީ ފުވައްމުލަކަށް އަންނަ ކަމަށް ޑިންގީގެ ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ހާމަކުރެއެވެ.



