މިމަހު 15ގެ ފަހުން ވެކްސިންގެ 2 ވަނަ ޑޯޒް ދޭން ފަށަނީ: ހެލްތް މިނިސްޓަރު

މިމަހު 15ގެ ފަހުން ކޮވިޑް ވެކްސިންގެ 2 ވަނަ ޑޯޒް މާލެ ސަރަހައްދުގައި ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓަރ އޮނަރަބަލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ކޮވިޑްގެ ވެކްސިން ފުރަތަމަ ޑޯޒް މާލެގައި ޖަހަމުން ގެންދާތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، މިހާރު އޭގެ ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތް ފަށަންވެއްޖެ ކަމަށެވެ.

"އެއީ 2 ވަނަ ޑޯޒް ޖެހިގެން ނޫނީ. މުޅިން އެކީ އެކައްޗަކަށް އަޅުގަނޑުމެންނަށް މީގެން ސަލާމަތްވުމުގެ ނުވަތަ ރައްކާތެރިވުމުގެ ބައި ފުރިހަމައެއް ނުކުރެވޭ. އެހެންވީމާ މިމަހުގެ 15 ދުވަހާއި ހަމައަށް އަޅުގަނޑުމެން ހިޔާލުކޮއްގެން މިތިބީ މާލޭގައި ފުރަތަމަ ޑޯޒް ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ 2 ވަނަ ޑޯޒް ޖެހުން." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް އިތުރަށް ވިދާޅުވީ، ދުވާލެއްގެ މައްޗަށް މިހާރު 10 ހާސް ވެކްސިން ޖެހުމުގެ ޤާބިލުކަން ސަރުކާރުގެ އެބަހުރި ކަމަށާއި، ނަމަވެސް މިހާރު ޖަހަމުން މިދަނީ 8 ހާހާއި 6 ހާހާއި ދެމެދުގެ ވެކްސިން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލޭގެ އެންމެހާއި ރައްޔިތުންނަށް މިބުނި ފުރުސަތުގެ ތެރޭގައި އަޅުގަނޑުމެންނަށް ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ، އެއީ ގާތްގަޑަކަށް 75 ޕަސެންޓް ނުވަތަ 80 ޕަސެންޓް މީހުން." މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓުރޯލް ކުރުމަށް ރާއްޖޭގައި ފަށައިފައިވާ ކޮވިޑް ވެކްސިން ދިނުމުގެ ކެމްޕެއިންގެ ތެރެއިން ވެކްސިން ދިން މީހުންގެ އަދަދު 150،000 މައްޗަށް އަރައިފިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19 ވެކްސިން ކެމްޕެއިންގެ މައުލޫމާތު ހާމަކުރަމުން ރޭ ވިދާޅުވީ އިއްޔެ 5،875 މީހުންނަށް ކޮވިޑް ވެކްސިން ދީފައިވާ ކަމަށާއި މިއާއެކު ޖުމްލަ ވެކްސިން ދިން މީހުންގެ އަދަދު 151،643 އަރައިފައިވާ ކަމަށެވެ.
މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ