އަންނަ މަހު އިންޑިއާއިން ހަނދަށް ފޮނުވާލަން ތައްޔާރު ކުރަމުންދާ ޖައްވީ އުޅަނދު ދައްކާލައިފިއެވެ.
މި ޖައްވީ އުޅަނދަށް ދީފައިވާ ނަމަކީ، ޗާނދުރަޔާން-2 ކެވެ. މީގެ ކުރިންވެސް އިންޑިއާއިންވަނީ ހަނދައް ޖައްވީ އުޅަނދެއް ފޮނުވާލައިފައެވެ. ނަމަވެސް މި އުޅަނދު ހަނދުގައި ޖައްސައިފައެއް ނުވެއެވެ. މި ޖައްވީ އުޅަނދުގެ ނަމަކީ ޗާނދުރަޔާން-1 ކެވެ.
އިންޑިއާއިން މިފަހަރު ހަނދަށް ފޮނުވާލަން ގަސްތުކުރާ އުޅަނދުން ހަނދުގެ ތަހުލީލު ތަކެއް ކުރުމަށް ހަމަޖެހިފައި ވެއެވެ. މިގޮތުން ހަނދުގައި މިނަރެލްސް ހުރި މިންވަރާ ރޮކް ފޯމޭޝަންގެ މައުލޫމާތު މި އުޅަނދުން އެއްކުރާނެއެވެ.

މި އުޅަނދު ޖައްވުގެ ތަހުލީލުތައް ކުރުމަށް 14 ދުވަސް ހޭދަކުރުމަށް ހަމަޖެހިފައި ވެއެވެ.
މި ޖައްވީ އުޅަނދު ކާމިޔާބު ކަމާއެކު އިންޑިއާއަށް ހަނދުގައި ޖެއްސިއްޖެނަމަ އިންޑިއާ ވެގެންދާނީ ހަނދުގައި ކާމިޔާބު ކަމާއެކު ޖައްވީ އުޅަނދެއް ޖެއްސި ހަތަރުވަނަ ގައުމަށެވެ.
މިހާތަނަށް ޖައްވީ އުޅަނދެއް ހަނދުގައި ޖެއްސިފައިވަނީ ހަމައެކަނި، އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އަށެވެ.



