ފަނޑިޔާރު ދިދީގެ ސަސްޕެންޝަން އަސާސްތަކާއި ހިލާފު - ޑރ.ޖަމީލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ކުއްލި ގޮތަކަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމަކީ މިހާރު އޮތް ސަރުކާރު ގެނައުމަށް ވަކާލާތު ކުރި އެންމެ މައިގަނޑު އަސާސާ ހިލާފަށް ކުރި ސަސްޕެންޝަނެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ފަނޑިޔާރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ނިންމީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.
ފަނޑިޔާރު ދީދީއަކީ ރައީސް ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވި ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ.

ޖަމީލު ކުރެއްވި ޓްވީޓެއްގައި ވަނީ ޖޭއެސްސީގެ މިއަދުގެ އެ ނިންމުމާމެދު ވަރަށް ބޮޑަށް ސުވާލު އުފައްދަވާފަ އެވެ. އަދި އެކަމާ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

"މަޖިލީހުގެ މެޖޯރިޓީ ހޯދައި، ޖޭއެސްސީއަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ފިޔަވަޅު އެޅީ ހުކުމް އިއްވި ފަނޑިޔާރަށް، މިއީ ބަދަލު ހިފުމަކަށް ނުވޭތަ؟ މިއީ ޑިމޮކްރަސީގެ އަސްލު ކުލަތަ؟،" ޖަމީލު ސުވާލު އުފެއްދެވި އެވެ. 

ޖަމީލު ވިދާޅުވީ އެންމެ މަތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ޑިއު ޕްރޮސެސްއެއް ނެތި ސަސްޕެންޑް ކުރުމަކީ އެ ފަނޑިޔާރުންނަށް ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އިމްތިޔާޒްތައް ގެއްލިގެންދާ ކަމެއް ކަމަށެވެ. އަދި އެކަމަކީ މި ސަރުކާރު ގެނައުމަށް އޭނާ ވެސް ހިމެނޭ ގޮތަށް ވަކާލާތު ކުރި އެންމެ އަސާސީ ޕްރިންސިޕަލްއާ ހިލާފު ކަމެއް ކަމަށެވެ. 

މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމީ އޭނާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުންދާ ރިޝްވަތުގެ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ. 

ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ މައްސަލާގައި ތުހުމަތު ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވުމަށް އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށެވެ. ފަނޑިޔާރު ދީދީ އޭރު ހުންނެވީ ކުރިމިނަލް ކޯޓުގަ އެވެ. އެ ތުހުމަތު އަބްދުﷲ ދީދީ ދޮގު ކުރައްވާފައިވާއިރު އެ މައްސަލަ ފުލުހުން ވެސް ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް