ރ. އަނގޮޅިތީމުން މިއަދުވެސް އާސާރީ ތަކެތި ފެނިއްޖެއެވެ.
މިއަދު އަނގޮޅިތީމުން އާސާރީ ތަކެތި ފެނިފައި ވަނީ ގެއެއްގައި ވަޅުގަނޑެއް ކޮންނަން އުޅުމުގެ ތެރޭގައި ވަރަށް ތިލައިންނެވެ.
އެރަށުން މި ނޫހާއި ވާހަކަ ދެއްކި މީހަކު ކިޔައިދިން ގޮތުގައި މިއަދު އެރަށުން ފެނިފައި ވަނީ 3 ގުޅިއަކާއި ކުރޮނޑި އެއްކަހަލަ އެއްޗެއްކަމަށެވެ. މީގެ އިތުރުން ވޮއްކޮޅެއް ވައްތަރަށް އިންއެއްޗެއްވެސް ފެނިފައިވާކަމަށް އޭނާ ބުނެފައިވެއެވެ. މި ތަކެތި ފެނިފައިވަނީ މިއަދު ހެނދުނު 9 ޖަހާކަންހާއިރު ކަމަށް އޭނާ ބުނެފައިވެއެވެ.
އެމީހާ އިތުރަށް ކިޔައިދިން ގޮތުގައި މިއަދު ފެނުނުތަކެއްޗަށް އެއްވެސް ގެއްލުމެއް ނުލިބި ނެގިފައިވާކަމަށާއި، މިތަކެތީގެ އިތުރުން އެތަނުން މިސްކިތެއްގެ ތަރާގަނޑު ކަހަލަ ތަނެއްވެސް ފެނިފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާ ކިޔައިދިން ގޮތުގައި މީގެ ކުރިންވެސް އަނގޮޅި ތީމުން ތަފާތު ވަރަށް ގިނަ ތަންތަނުން ވަރަށް ބައިވަރު އާސާރީ ތަކެތި ވަނީ ފެނިފައެވެ. އެގޮތުން މީގެ އތައް އަހަރެއް ކުރިން ފެށިގެން އެރަށުން އަންނަނީ އާސާރީ ވަރަށް ގިނަ ތަކެތި ފެންނަމުންނެވެ. އޭގެ ތެރޭގައި ބުދުވެސް ފެނިފައިވެއެވެ.
މިތަކެތި ހުރީ އަނގޮޅިތީމު ކައުންސިލްގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
އަނގޮޅިތީމުން އާސާރީ ތަކެތި ފެނުމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީގެ ކަލްޗަރަލް ހެރިޓޭޖް ޑިރެކްޓަރު މަޤާމް އަދާކުރައްވަމުން އަންނަ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވީ އަނގޮޅިތީމުން ފެންނަމުންދާ އާސާރު ތަކަކީ ރާއްޖޭގެ ގަދީމީ ތާރީޚުގެ މައްޗަށް މުހިންމު ހޯދުންތަކެއް ހޯދޭނެ ތަކެތިކަމަށާއި އެތަކެތި ތަކެތި ރައްކާކުރެވިފައިވާކަމަށެވެ.



