22 ހަފްތާ ނުވާ ކުދިންގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ނުދޭނެ: އައިޖީއެމްއެޗް

ޞިއްޙީ ގޮތުން ރިޢާޔަތް ކުރަންޖެހޭ ކުއްޖާގެ ބަރުދަނާއި އެހެނިހެން ބައެއް ކަންކަމަށް (22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ) ރިޢާޔަތް ކުރުމަށްފަހު މި އުމުރުގައި ވިހާ ކުއްޖެއްގެ / ބައިގެންދާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫންކަމުގައި އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އައިޖީއެމްް ހޮސްޕިޓަލުން މިހެން ވިދާޅުވެފައި ވަނީ އެހޮސްޕިޓަލުގައި ތުއްތުކުއްޖެއް ވިހެއުމަށްފަހު މަރުވަންދެން ޓްރޭއެއްގެ ތެރޭގައި ބެއްވިކަމަށް ބުނާ މައްސަލައެއް މިއަދު ފެންމަތިވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ ބައިގެންދިއުން ކަމަށް ބެލުމުގައި ތަފާތު ގައުމުތަކުގައި ތަފާތު އުމުރުތަކަށް ނުވަތަ މިންގަނޑުތަކަށް ރިޢާޔަތް ކުރާއިރު އެ ހޮސްޕިޓަލުގައި ބައިގެންދިއުން ނުވަތަ ސްޕޮންޓޭނިއަސް އެބޯޝަންއެއް ކަމަށް ބަލަނީ މާބަނޑު މީހެއްގެ ބަނޑަށް 22 ހަފްތާ ވުމުގެ ކުރިން ބަނޑުގައިވާ ދަރިފުޅު ނިޔާވެއްޖެނަމަ ނުވަތަ ވިހައިފިނަމަކަމަށެވެ.

އެހޮސްޕިޓަލުން ވިދާޅުވީ ޞިއްޙީ ފަރުވާއަކީ އިލާހީ ޤާނޫނުތަކުގެ އިތުރުން ސައިންޓިފިކް އަދި ޞިއްޙީ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި އަދި ބައެއް ހާލަތްތަކުގައި އެނގި ކަށަވަރުވެފައިވާ ޢިލްމުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައި ވީހިނދު، މި ކަންކަމަށް ރިޢާޔަތް ކޮށް ފުރާނައެއް ސަލާމަތް ކުރުމަށް ދެވޭނެ އެއްވެސް ފަރުވާއެއް އޮތްނަމަ އެ ފަރުވާއެއް ހޮސްޕިޓަލުން ދެމުން ގެންދާކަމަށެވެ.

ބަނޑަށް 22 ހަފުތާ ވުމުގެ ކުރިން، 12 ވަނަ ހަފުތާއިން ފެށިގެންވެސް ކުއްޖާގެ ވިންދު ހުންނާނެކަމަށާއި ވިންދު ހުރިނަމަވެސް މިގޮތަށް ބައިގެންދާ ކުދިންގެ ފުރާނަ ސަލާމަތެއް ނުކުރެވޭނެކަމުގައި އެހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ. އަދި އިންސާނަކު ދިރިހުރުމަށް ކޮންމެހެން ބޭނުންވާ އަސާސީ ގުނަވަންތައްވެސް މިއުމުރުގައި އަދި ފުރާނަ ދެމެހެއްޓޭ ވަރަށް ތަރައްގީއެއް ނުވާނެކަމަށާއި ބައިގެންދާއިރު 22 ހަފުތާ ހަމަނުވާ، އަދި ބަރުދަނުގައި 500 ގްރާމް ހަމަނުވާ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާ ދިނުމަކީ ހޮސްޕިޓަލްތަކުގައި ކުރާ ކަމެއް ނޫންކަމުގައިވެސް އެ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

މިފަދަ ހާލަތްތަކުގައި ޢަމަލުކުރާ ގޮތަކީ، ވިހާއިރު ކުއްޖާގެ ވިންދު ހުރިނަމަ ވިންދު އެއްކޮށް ދަންދެން ކުއްޖާ ބޭއްވުންކަމަށާއި އެ މަންޒަރަކީ އާއިލާ އަށާއި އެހެނިހެން ފަރާތްތަކަށްވެސް ތަޙައްމަލް ކުރަން ދަތި މަންޒަރެއްކަން ޤަބޫލުކުރެވޭކަމުގައިވެސް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވިއެވެ.

ބަލިމީހާގެ ހާލަތާއި، ކުރިއަށް ކުރިމަތި ވެދާނެ ކަންތައްތަކާއި، އެކަމަކަށް އެއްވެސް ފަރުވާއެއް ދެވެން އޮތްނަމަ ނުވަތަ ނޫންނަމަ އެކަންކަމަކީ ސީދާ ބަލިމީހާއަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ތަފްޞީލުކޮށް ކިޔައިދޭ ކަންކަންކަމަށާއި، ބަލިމީހާ އަށާއި ބަލިމީހާގެ ބެލެނިވެރިޔާއަށް ހުރިހައި މަޢުލޫމާތެއް ކިޔައިދޭ ފަހުން ހޮސްޕިޓަލަށް އަންނަ ޢާއިލާގެ އެހެނިހެން މެމްބަރުންނަށް އެ ހުރިހައި މަޢުލޫމާތެއް ހޮސްޕިޓަލުގެ ފަރާތުން ނުދޭނެކަމުގައިވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ މިފަދަ ހާލަތްތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ގަވާއިދާ ޚިލާފަށް ހޮސްޕިޓަލު ތެރެއަށް ވަދެ ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށާއި އެހެނިހެން މުވައްޒަފުންނަށް ބިރު ދައްކައި، މުވައްޒަފުންގެ ފޮޓޯ އާއި ވީޑިއޯ ނަގައި ސޯޝަލް މީޑިއާގައި އާއްމު ކުރުމަކީ ހިތާމަކުރާ ކަމެއްކަމަށެވެ.

މިލިޔުން ކިޔާލުމުން
41233
ގުޅުންހުރި ލިޔުންތައް

2 Responses

  1. މީހެއް

    Zinmaa in rekigannan masehkath kuriyas thi boduvaru. Dhen kongoreh bontha sizeyrian hadhaafa nagani.

  2. އާދަނު

    މީގަ މަސަލައަކީ އެކަން ކުރި ގޮތް ފަރުވާއެއްނުދެވުނަސް އެކުއްޖާ އެގޮތަށް މީހުންނަށް ފެންނަތާކު ރަހުމު ކުޑަކޮށް ބާވާކަށް ނުވާނެ ކޮމެސް ތާކަށް (އެންއައިސީޔޫ) ކަހަލަ ތާކަށް ލާފަ އެކުއްޖާ ހަށިފަސޭހަ ކޮށް މަރުވަންދެން ބޭވޭނެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ