މޮޒަމްބީކްގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ކާބޯ ޑެގަބާޑޯގައި ހަނގުރާމަވެރިން ހިނގި ލާއިންސާނީ އަމަލުތަކުގެ ތެރޭގައި ކުޑަކުދިންގެ ބޯވެސް ބުރިކޮށްފައިވާކަމަށް އެހީދޭ ޖަމާއަތެއް ކަމަށްވާ "ސޭވް ދަ ޗިލްޑްރެން"ގެ ރިޕޯޓެއްގައި ބުނެފިއެވެ.
ސޭވް ދަ ޗިލްޑްރެން އިން ނެރުނު މި ރިޕޯޓުގައި ކާބޯ ޑެގަބާޑޯގެ އަންހެނަކާއި ހަވާލާދީ ބުނެފައިވަނީ، އޭނާގެ 12 އަހަރަށްދާ ފިރެހެން ދަރިފުޅުގެ ބޯ ހަނގުރާމަވެރިން ބުރިކޮށްލައިފައިވަނީ އޭނާގެ އެހެން ދަރިންނާއެކު ފިލާއޮތްތާ ކައިރީ އޭނާއަށް ފެއްނަފަށުގައި ކަމަށެވެ.
ކާބޯ ޑެގަބާޑޯގައި ހަނގުރާމަވެރިން 2017 ވަނަ އަހަރުން ފެށިގެން ހަމަލާތައް ދެމުންދާއިރު މިހާތަނަށް 2،500 އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އަދި އެސަރަހައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް 700,000 މީހުންވަނީ ހިޖުރަކޮށްފައެވެ.
މޮޒަމްބީކްގެ އުތުރުގައި ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންނަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސް އަށް ބައިއަތު ހިފައިފައިވާ ހަނގުރާމަވެރިންގެ ޖަމާއަތެކެވެ.
ހަނގުރާމަވެރިން މިހާރުވެސް އައްނަނީ ދޭތެރެދޭތެރެއިން މޮޒަމްބީކްގެ އުތުރުގެ ޕްރޮވިންސްތަކުގައި ހިމެނޭ އަވަށްތަކަށް ހަމަލާތައް ދެމުންނެވެ. މިސަރަހައްދަކީ ސަރުކާރުގެ ފުރިހަމަ ބާރު ނުފޯރާ އަޅާލުން ކުޑަ ފަގީރު ހިސާބުތަކެވެ. މޮޒަމްބީކްއަކީ ގުދުރަތީ ގޭހުން މުއްސަނދި ގައުމެއް ނަމަވެސް ފަގީރުކަން ބޮޑު ގައުމެކެވެ.




