ދިވެހިރާއްޖޭގެ ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ނިންމައި އާއްމުކުރަން ތައްޔާރުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި އެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޓެޖިސްޓު އިބްރާހީމް ހޫދު ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ފަހުން ކުރަމުން އައި މުހިންމު މަސައްކަތަކީ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކުރުންކަމަށެވެ.
މި އެކްޝަން ޕްލޭން ބިނާވާނީ އިންތިޚާބުގެ މެނިފެސްޓޯއާ، މަޖިލިސް ކެންޕޭނުގައި ބޭނުންކުރި 'އެޖެންޑާ 19' ކެންޕޭނުގައި ބޭނުންކުރި އެޖެންޑާއާ ސަރުކާރުގެ އެހެނިހެން ސިޔާސަތުތައް އެކުލެވޭގޮތަށްކަން ހޫދު ފާހަގަކުރެއްވިއެވެ.
އަދި މި ޕްލޭނަކީ ކުރިޔަށް އޮތް 5 އަހަރުގެ ސަރުކާރުގެ މަގު ޗާޓުކަމަށާއި މީގައި ސަރުކާރުން ކުރައްވާނެ ހުރިހާ ކަމެއް އެކުލެވިގެންދާނެ ކަމަށް ވެސް ހޫދު ވިދާޅުވިއެވެ. ހޫދު އިތުރަށް ވިދާޅުވީ، ކޮންމެ އަހަރެއްގެ އެނުއަލް ޓާގެޓް ވެސް މި އެކްޝަން ޕްލޭންގައި ހިމެނިފައިވާނެކަމަށެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވަމުން ހުދޫ ވިދާޅުވީ، މިއަހަރުގެ ބަޖެޓުން 187 ރަށެއްގައި ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި އޭގެ ތެރެއިން 117 ރަށެއްގެ މަސައްކަތް އޮތީ ފެށުމުގެ މަރުޙަލާގައި ކަމަށާއި އަދި 41 ރަށެއްގައި ޢަމަލީ މަސައްކަތް ފެށިގެން މިހާރު ކުރިޔަށް ދާކަމަށެވެ.
ހޫދުގެ ވާހަކަފުޅުގައި ސްކޫލުތަކުގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފެށުމާއި އެސްއެމްއީ ބޭންކް ޤާއިމުކޮށް އެ ބޭންކުން 23 މިލިޔަން ރުފިޔާގެ ލޯނު ދޫކުރުމަށް ތައްޔާރުވެފައިވާކަން ފާހަގަކުރެއްވުމުގެ އިތުރުން ޕެންޝަން ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް އެކުލަވާލާފައިވާ ސިޔާސަތު އިސްލާހުކޮށް، ހައްޖަށް ދިއުމަށް ދައްކަންޖެހޭ ފައިސާގެ 80 އިންސައްތަ ފެންޝަން ފައިސާއިން ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސައި އެއިސްލާހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާކަން ހޫދު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ސިޔާސަތުގެ ދަށުން މައްސަލަ ހުށަހެޅުމަށް ޤާއިމުކުރި ވެބްޕޯރޓަލަށް 400 އަށްވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާކަމަށާއި އޭގެ ތެރެއިން ސުވާލުއުފެދޭ 18 މައްސަލައެއް އިތުރަށް ބަލައި ތަހުޤީގު ކުރުމަށް އޭސީސީއަށް ފޮނުވާފައިވާކަމުގައި ހޫދު ވިދާޅުވިއެވެ.



