އިސްލާމްދީނުގައި މާތް ﷲ އިންސާނާގެ ނަފްސުގެ ދަރަޖަ މަތިވެރި ކުރެއްވި – ހުތުބާ

މާތް ﷲ އިންސާނުންނަށް އެކަލާނގެ ތަނަވަސް ނިޢުމަތްތަކުން ދަރުމަވެރިވޮޑިގެން، މަތިވެރިކަމާއި މާތްކަން ދެއްވައި ދަރަޖަ މަތިވެރިކުރެއްވި ކަމަށް މިއަދުގެ ހުތުބާގައި ވިދާޅުވެއްޖެއެވެ.

އަދި ﷲ ތައާލާ އުޑުތަކާއި ބިމުގައި ވާހާ ތަކެއްޗެއް އިންސާނުންނަށް ހިދުމަތްކުރައްވާ އެކަލާނގެ ނިއުމަތްތައް ފާޅުވެގެންވާ ގޮތުގައާއި، ވަންހަނާ ވެގެންވާ ގޮތުގައި އެބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފައިވަނީ އެތަކެތިން އެބައިމީހުން ހިތްހަމަ ޖެހުމާއި ފައިދާ ލިބިގަތުމަށާއި،އެކަލާންގެ އެބައިމީހުން ހެއްދެވި މަޤްސަދު ހާސިލުކުރުމަށްޓަކައި ކަމަށްވެސް ހުތުބާގައި ފާހަގަ ކޮށްފައިވެއެވެ.

މާތް ﷲ އިންސާނާ ހެއްދެވި މަޤްސަދު ބަޔާންކުރައްވާ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވަނީ، "ތިމަންރަސްކަލާނގެއަށް އަޅުކަންކުރަން މެނުވީ، ތިމަންރަސްކަލާންގެ ޖިންނީންނާއި، އިންސީން ނުހައްދަވަމެވެ. އެއުރެންގެ ކިބަޔަކުން ތިމަންރަސްކަލާންގެ ރިޒުގަކަށް އެދިވޮޑިއެއް ނުގަންނަވަމެވެ. އަދި ކާންދިނުމަކަށްވެސް އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން، ﷲ އީ، ރިޒުގު ދެއްވާ ބާރުވެރިވަންތަ ގަދަފަދަވަންތަ ރަސްކަލާންގެއެވެ."

މިއަދުގެ ހުތުބާގައި އިތުރަށް ހަނދާން ކޮށްދީފައިވަނީ، އިސްލާމީ ޝަރީއަތުގައި އިންސާނާގެ ނަފުސުގެ ދަރަޖަ މަތިވެރި ކަމެވެ. އެހެންކަމުން އިސްލާމް ދީނުގައި ނަފުސުގެ ރައްކާތެރިކަމަށް ބާރުއަޅައިފައިވާ މިންވަރެވެ. މިގޮތުން އިސްލާމީ ޝަރީއަތުގެ އެންމެހާ ހުކުމްތައް ބިނާވެފައިވަނީ އިންސާނާގެ މަސްލަހަތުތައް ރައްކާތެރިކޮށް، ނަފްސު ހިމާޔަތްކޮށް، ދެދުނިޔޭގެ ރައްކާތެރިކަމާއި ބާއްޖަވެރިކަމުގެ މައްޗަށް ކަމަށް ހުތުބާގައި ވިދާޅުވެފައި ވެއެވެ.

ސަލާމަތުގެ ސަބަބުތަކުގައި ހިފުމުގެ މުހިންމުކަން ގުރުއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދެއްވާ، ސަލާމަތުގެ ސަބަބުތަކުގައި ނުހިފުމުގެ ސަބަބުން އަޅުގަނޑުމެންގެ މުޖުތަމައުގައި މިއަދު ހިނގައިފައިވާ ހާދިސާތަކުގެ މައްޗަށް ޖުމްލަ ގޮތެއްގައި މިއަދުގެ ހުތުބާގައި އަލިއަޅުވާލައިފައި ވެއެވެ. އަދި އިސްލާމްދީނުގައި ތަފާތު އެކިއެކި ހާލަތްތަކުގައި ކަންކުރަން އޮންނަގޮތުގެ މައްޗަށްވެސް އަލިއަޅުވާލައިފައި ވެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ތަފްސީލީ ގޮތެއްގައި ދީނީ ނަޒަރަކުން އަލިއަޅުއްވާލައްވާފައިވަނީ، އިންސާނީ ނަފްސުގެ މަތިވެރިކަމާ، އެނަފްސު ހިމާޔަތް ކޮށް ރައްކާތެރިކުރުމަށް އިސްލާމްދީން ބާރުއަޅާ މިންވަރާ، އަދި އެހެން ފަރާތްތައް ތިމާގެ އަމަލުތަކުގެ ސަބަބުން ނުރައްކަލަކަށް ހުށަހެޅިގެން ނުވާނެ ކަމުގެ މައްޗަށާއި، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހަރުދަނާ ކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް