ބަންގުލަދޭޝްގައި ހުއްނަ ރޮހިންގާ ރެފިއުޖީ ކޭމްޕުގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި 15 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަމަށް ޔޫއެން ރެފިއުޖީ އެޖެންސީއިން ބުނެފިއެވެ.
ބަންގުލަދޭޝްގެ އުތުރުގެ ކޮކްސް ބާޒާރު ސަރަހައްދުގައި ހުއްނަ ރޮހިންގާ ރެފިއުޖީ ކޭމްޕުގައި އަލިފާނުގެ ހާދިސާ ހިނގީ ކައްކާ ގޭސް ފުޅިއެއް ގޮވައިގެންކަމަށް މައުލޫމާތު ލިބެއެވެ. މި އަލިފާނުގެ ހާދިސާގައި 700 އަށްވުރެގިނަ ފޭލިގެ ވަނީ އަނދައި ހުލިވެފައެވެ.
ރެފިއުޖީންނަށް އެހީ ފޯރުކޮށްދޭ ގުރޫޕުތަކުން އަންދާޒާކުރާ ގޮތުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން 40،500 އާއި 50،000 ދެމެދުގެ މީހުންނަށްވަނީ ގެއްލުންތައް ލިބިފައެވެ.

ޔޫއެން ރެފިއުޖީ އެޖެންސީ އިން މައުލޫމާތު ދޭގޮތުގައި އަލިފާނުގެ ހާދިސާއާއި ގުޅިގެން550 މީހުންނަށްވަނީ އަނިޔާވެފައެވެ. 45،000 މީހުންވަނީ އެމީހުން ދިރިއުޅެމުންދިޔަ ޓެންޓުތައް އެނދުމުގެ ސަބަބުން ވައްނާނެ ތަނެއް ނޭންގިފައެވެ. 400 މީހުންވަނީ ވީނުވީތަނެއް ނޭންގި ގެއްލިފައެވެ. އަދި މިހާތަނަށް15 މީހަކުވަނީ މަރުވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ބަންގުލަދޭޝްގެ ގަޑިން އިއްޔެ ހަވީރު ގާތްގަނޑަކަށް 3:30 ހާއިރުއެވެ. އަލިފާންގަނޑު ކޮންޓުރޯލް ކުރެވިފައިވަނީ ހާދިސާ ހިނގިތާ ހަތަރުވަރަކަށް ގަޑިއިރު ފަހުންނެވެ.
2017 ވަނައަހަރު މިޔަންމާގެ ސިފައިން އެގައުމުގެ ރޮހިންގާ ނަސްލުގެ މުސްލިމުންނާ ދެކޮޅަށް ހިނގި އަނިޔާވެރި އަމަލުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމަތަކުން ސަލާމަތް ވުމަށްޓަކައި މިލިއަނަކަށްވުރެ ގިނަ ރޮހިންގާ މީހުންވަނީ ރެފިއުޖީންގެ ގޮތުގައި ބަންގުލަދޭޝް އަށް ހިޖްރަކޮށްފައެވެ.



