އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރު ބާއްވާ ގައުމީ ބިލްޑިން މުބާރާތް، "މިސްޓަ މޯލްޑިވްސް 2021"ގެ ޓައިޓަލް، މުޙައްމަދު ޔާމީން (ޔާމްބެ) ހޯދައިފިއެވެ.
މިދިޔަ އަހަރު ބާއްވަން ފުރަތަމަ ތާވަލްކުރި މި މުބާރާތް ކޮވިޑް-19 އާއި ގުޅިގެން ނުބޭއްވި، އެ އަހަރުގެ މެދުކެނޑުމަށްފަހު ރޭ މި މުބާރާތް ބޭއްވީ އޮލިމްޕަސް ސިނަމާގައި އެޗްޕީއޭގެ ހާއްސަ ގައިޑްލައިންގެ ދަށުންނެވެ. މި އިވެންޓް ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
މި މުބާރާތުގައި އެކި ކެޓަގަރީތަކުން ވަނަވަނައަށް ދިޔަ ފަރާތްތައް ހޮވާފައިވެއެވެ. އެގޮތުން މިސްޓަރ މޯލްޑިވްސްގެ މަޤާމު ޔާމްބެ ހޯދި މިއީ ދެވަނަ ފަހަރެވެ. އޭނާ މި މަޤާމް ކުރިން ހޯދާފައިވަނީ 2017 ވަނަ އަހަރުއެވެ. މީގެ އިތުރުން، ޔާމްބެ ވަނީ މި ފަހަރުގެ މުބާރާތުގެ ބޮޑީބިލްޑިންގެ 90 ކިލޯ ކެޓެގަރީން އެއްވަނަވެސް ހޯދާފައެވެ.
މީގެ އިތުރުން، 60 ކިލޯގެ އެއްވަނަ މުހައްމަދު މޫސާ ހޯދިއިރު، 70 ކިލޯގެ އެއްވަނަ ހޯދީ މީގެކުރިން ތިން ފަހަރު މިސްޓަރ މޯލްޑިވްސް މަގާމު ހޯދާފައިވާ މުހައްމަދު ރަޝީދެވެ.
މި އަހަރުގެ މުބާރާތުގެ އެތުލެޓިކް ފިޒީކް ކެޓަގަރީގެ އެއްވަނަ ހޯދީ އަޙްމަދު މުއާޒެވެ. މުއާޒް ވަނީ އެތުލެޓިކް ފިޒީކުގެ 180 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. މިއަހަރު 170 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނު ފަރާތަކީ ފަތުހުﷲ މުހައްމަދެވެ.
ސްޕޯޓްސް ފިޒީކުގެ އެއްވަނަ ހޯދީ އަޒްނީން ރަޝާދެވެ. އަޒްނީން ވަނީ ސްޕޯޓްސް ފިޒީކުގެ 165 ސެންޓިމީޓަރު ބައިންވެސް އެއްވަނަ ހޯދާފައެވެ. ދެން މި ބައިގައި ހިމެނުނު 170 ސެންޓިމީޓަރު ބައިން އެއްވަނަ ފާލިހު މުޙައްމަދު ޒާހިރަށް ލިބުނުއިރު، 175 ސެންޓިމީޓަރު ބައިން އެއްވަނަ ލިބުނީ އަލީ ސަލީމް އިބްރާހީމަށެވެ. އަދި 180 ސެންޓިމީޓަރު ބައިން އެއްވަނަ ލިބިފައިވަނީ އަތީޤުއް ރަޙްމާނަށެވެ.
މިއަހަރުގެ މިސްޓަ މޯލްޑިވްސްގައި 30 އަށްވުރެ ގިނަ ބޮޑީބިލްޑަރުން ވަނީ ބައިވެރިވެފައެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގައި ބައިވެރިވީ 18 ބޮޑީބިލްޑަރުންނެވެ.!



