ޢަދުލު އިންސާފުވެރިވުމަށް ނައިބު ރައީސް ފުލުހުންނަށް އިލްތިމާސްކުރައްވައިފި

ރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި އެންމެހާ ފަރާތްތަކުން، ކުރާ ކޮންމެ ކަމެއްގައި އިންސާފުވެރިވުމާއި ޢަދުލުވެރިކަންމަތީ ތާއަބަދަށް ދެމިތިއްބެވުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ގޮވައިލައްވައިފިއެވެ.

އެ މަނިކުފާނު މިކަމަށް ގޮވައިލައްވާފައިވަނީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް ޢަމަލުކުރަން ފެއްޓެވުމާއި ގުޅިގެން ފުލުހުން ހުވާކުރުމަށްޓަކައި މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ފުލުހުންގެ އެންމެ އިސް ވާޖިބަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައް ނަގަހައްޓާ، ދިވެހިރައްޔިތުންގެ ހައްޤުތައް ހިމާޔަތްކޮށް އެންމެ މަތީ މަސްލަޙަތު ރައްކާތެރިކޮށް، އިންސާނީ ހައްޤުތައް ހިމާޔަތްކޮށް، އަމާންވެށްޓެއް އެންމެހާ ރައްޔިތުންނަށް ޤާއިމްކޮށްދިނުން ކަމުގައި ވިދާޅުވިއެވެ. އަދި ފުލުހުންގެ ޚިދުމަތުގެ ޤާނޫނެއް ވުޖޫދުވެގެން އަންނައިރު، އެއީ އައު ފެށުމެއް ކަމަށާއި އެކަމަކީ އެންމެހާ ދިވެހި ރައްޔިތުންނަށް އޭގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހަމައެކަނި ފުރިހަމަ ޤާނޫނެއް އޮތުމުން އަޅުގަނޑުމެން އެ ބޭނުންވާ މަޤްޞަދު ހާޞިލެއް ނުކުރެވޭ ކަމަށާއި ޤާނޫނުގައި ބުނާގޮތަށް، ޤާނޫނުން އަންގާ ގޮތަށް ކަންތައްތައްކޮށް ޢަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައި ވިދާޅުވިއެވެ.

"މި ޤައުމުގައި ހުރި މައްސަލަތަކަކީ އެއީ ވަކި ޢާއިލާއަކަށް ނިސްބަތްވާ، ވަކިބަޔަކަށް ނިސްބަތްވާ މައްސަލަތަކެއް ނޫން. ޤައުމުގައި ހުރި ހުރިހާ މައްސަލަތަކަކީ، އެ މައްސަލަތައް ހުރުމުން، އެ ޤައުމުގެ އެންމެހައި ރައްޔިތުންނަށް، އޭގެ ސަބަބުން ހިތާމަޔާއި، ދަތި އުނދަގޫތައް ކުރިމަތިވާ ކަންތައްތައް." ނައިބު ރައީސް ގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ފުލުހުންގެ ޚިދުމަތް ލާމަރުކަޒުކޮށް، އެ މަސައްކަތް ރަށު ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންނާއި ގުޅިގެން ކުރިޔަށްދާއިރު، ކުށް ކުރުން ހުއްޓުވާ، ރަނގަޅު މުޖުތަމައެއް ބިނާކުރުމަށްޓަކައި ފުލުހުންނަށް އެހީތެރިކަމާއި، އެއްބާރުލުން ފޯރުކޮށްދީ، އަމާން ވެށްޓެއް ގާއިމުކުރުމަކީ އެންމެންގެ މަސްޢޫލިއްޔަތެއްކަން ދަނެގެން އެ އަމާޒަށް ވާޞިލްވުމަށްޓަކައި ދިވެހި އެންމެހާ ރައްޔިތުން މަސައްކަތްކުރުމަށް އެ މަނިކުފާނު އެދިވަޑަގެންނެވިއެވެ.

ފުލުހުންގެ އައު ޤާނޫނު މިއަދު ވުޖޫދުވެގެންދިއުމާއެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ކަންކަމަކީ ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމުކުރުމާއެކު ޤާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ޚިދުމަތެއްކަން ކަށަވަރުކުރުމާއި، ވަކިފަރާތަކަށް ޖެހުމެއްނެތި، އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި، ހަމަހަމަކަމާއެކު ޤާނޫނު ނަގަހައްޓައި އަދި ތަންފީޛުކުރުމާއި، އަމަންޢާންމާއި، ދާޚިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަންޖެހޭ ކަންކަން ކުރުމުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ފުލުހުންނަށް ލިބިގެންދާނެއެވެ. އަދި ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް ބަދަލުވާނެއެވެ. އަދި "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް" އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲއާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު އަސްލަމް، މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނަޒީރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުގެ އިތުރުން ފުލުހުންގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ