ހއ.ދިއްދޫ ކައުންސިލް ފުޓްސަލް މުބާރާތް ހޫނުވެ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބަލަން ފަށާފައިވާ ކަމަށާއި، އެ މައްސަލަ ބަލަނީ ފުލުހުންގެ އަމިއްލަ އިސްނެގުމަށް ކަމަށެވެ.
"ދިއްދޫ ފުޓްސަލް ދަނޑަށް ގެއްލުންދިން މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި. މިމައްސަލަ ބަލަން ނިންމީ ފުލުހުންގެ އަމިއްލ؛ަ އިސްނެގުމަށް. އަދި ފުލުހުން ބަލަނީ މުދަލަށް ގެއްލުންދިން މައްސަލަ." ފުލުހުން ވިދާޅުވިއެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހަމަނުޖެހުންތަކުގައި ދެ ޓީމުގެ ކުޅުންތެރިންގެ ދެމެދުގައި މާރާމާރީ ހިންގައި، މެޗްު ކުޅުނު ފުޓުސަލް ދަނޑުގެ މެޓު ވެސް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މެޗު އޮފިޝަލުން ތިބޭ ބެންޗަށް ވެސް ގެއްލުން ދިނެވެ.
ދިއްދޫ ފުޓުސަލް ދަނޑަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ރަށުގައި އަޅައިދިން ދަނޑެކެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ހަމަނުޖެހުމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ޓީމުތަކާއި ކުޅުންތެރިންނަށް ދިއްދޫ ކައުންސިލުން ފިޔަވަޅު އަޅާފައިވާކަން ކައުންސިލުން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައި ވެ އެވެ.
"މީގެ ކުރިން މައްސަލަ ނުބަލަން ފުލުހުން ނުނިންމާ. ދިއްދޫ ކައުންސިލުން މައްސަލަ ހުށަހަޅަންދެން މަޑުކޮށްލީ. ނަމަވެސް ކައުންސިލުން އަދިވެސް މައްސަލަ ހުށަހަޅާފައި ނުވާތީ ފުލުހުން އިސްނަގައިގެން މައްސަލަ ބަލަން ފެށީ." ފުލުހުން ވިދާޅުވިއެވެ.
ކައުންސިލުން ޓީމުތަކާއި ކުޅުންތެރިންނަށް ފިޔަވަޅު އެޅުމުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކައުންސިލް އިދާރާ ކައިރިއަށް ފަންސާހެއްހާ މީހުން އެއްވެ ހަމަނުޖެހުން ހިންގަން މަސައްކަތް ކުރިނަމަވެސް ފުލުހުން އެކަން ވަނީ ހުއްޓުވާފައެވެ.



