މަޖިލިސް ކުރާގެ ކުރީގައި ހުންނަ ގޮތް - ފޮޓޯ: މަޖިލިސް

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ޖޭއެސްސީ ހާޒިރުކުރަނީ

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ހާޒިރުވާން އަންގައިފިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ޖޭއެސްސީގެ މެންބަރުން ހާޒިރުވާން އަންގާފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީ ސަސްޕެންޑްކުރަން ޖޭއެސްސީން ނިންމި ނިންމުން ތަންފީޒުކުރުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 09:00 ގައި ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވިއެވެ.

މިއަދު ހަވީރު ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ވިދާޅުވީ، ފަނޑިޔާރު ޢަބްދުﷲ ދީދީ ސްޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލާ ނިމެންދެން ފަނޑިޔާރާ މެދުގައި އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، ޖޭއެސްސީގެ ނިންމުން ތަންފީޒު ކުރުމަށް އިތުރު އެއްވެސް މަސައްކަތެއް ދައުލަތުގެ އެއްވެސް އިދާރާއަކުން ނޭޅުމަށެވެ.

"… މި މައްސަލައިގައި ސްޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ 12 ޖޫން 2019 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި، އަދި ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން 12 ޖޫން 2019 ގައި ނިންމި އެކޮމިޝަނުގެ ނަންބަރު jsc-b-cb/19/110 ނިންމުން ތަންފީޛުކުރުން ފަސްކުރުމަށާއި، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅިފައިވާ އެމައްސަލައާ ގުޅިގެން އެއްވެސް އިޖުރާއަތެއް އެއްވެސް ސިފައެއްގައި އެކޮމިޝަނުން ކުރިއަސް ނުގެންދިއުމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ބަޔާންކުރެވުނު ނިންމުމާ ގުޅިގެން ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާމެދު އިތުތު އެއްވެސް ފިޔަވަޅެއް ނޭޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށާއި، ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށްފިން." ސްޕްރީމް ކޯޓުގެ ވަގުތީ އަމުރުގައި ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް