ވަގުން ތިބެނީ ލޯ ދީގެން، ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ނުނަގާ ނުދޭ!

ފަހަކަށް އައިސް މުޖުތަމައުުގައި ހިނގާ ވައްކަމުގެ މައްސަލަކުގެ ތެރެއިން ސައިކަލު ވަގަށް ނެގުމުގެ މައްސަލައަކީ އާއްމު ވެފައިވަ މައްސަލައެކެވެ. މިގޮތުން ސައިކަލު ޕާކު ކުރުމަށްފަހު ހަނދާންނެތިގެން ތަޅުދަނޑި ނުނަގާ ހުންނަ މައްސަލަތަކަކީވެސް މިއަދު ވަރަށް އާއްމުވެފައިވާ މައްސަލައެކެވެ. ސައިކަލު ޕާކުކުރުމަށްފަހު ހަނދާން ނެތިގެން ނަމަވެސް ސައިކަލު ތަޅުނުލާ ނުވަތަ ތަޅުދަނޑި ޖަހާފައި ނުނަގާ ދިއުމުގެ ސަބަބުން ދެން އަންނައިރު ސައިކަލެއް ނުހުރެއެވެ.

މިއީވެސް އެފަދަ ހާދިސާއެކެވެ. ނާޒިމް (އަސްލުނަމެއް ނޫން) އަކީ ވަރަށް ބުރަކޮށް އޮފީހެއްގައި މަސައްކަތްކުރާ މީހެކެވެ. މި ގޮތުން އެއްދުވަހަކު ގެއަށްދާން ލަސްވެގެން އޮފީހުން ނުކުމެ ސައިކަލަށް އަރައި ދުއްވާލައި ގެއަށް ދިއުމަށް އަވަސްވެގަތެވެ. އަދި ގެއާ ހިސާބަށް ގޮސް އަވަސް އަވަހަށް ސައިކަލު ޕާކުކުރުމަށްފަހު ގެއަށްވަނީ ހަނދާން ނެތިގެން ސައިކަލަށް ތަޅުދަނޑި ޖަހާފައެވެ.

އޭގެ 10 ވަރަކަށް މިނެޓް ފަހެވެ. ގެއަށް ބޭނުންވާ އެއްޗެއް ގަންނަންވެގެން ބޭރަށް ދާންވެގެން ސައިކަލުގެ ތަޅުދަނޑި ލެވުނުތަނެއް ނޭގިގެން ހޯދަން ފެށިއެވެ. އެވަގުތު ކުއްލިއަކަށް ހަނދާންވީ ސައިކަލުގައި ޕާކުކުރުމަށްފަހު ތަޅުދަނޑި ޖަހާފައި އާދެވުނު ހަނދާނެވެ. އަވަސް އަވަހަށް ސައިކަލު ޕާކުކުރިތަނަށް ދިޔައިރު ކަމަކުދާކަށް ނެތެވެ. ސައިކަލެއް ނެތެވެ. ނާޒިމަށް ކުރެވުނު ކުޑަކުޑަ ކަމަކުން، އަގުބޮޑުކޮށް ގަތް ސައިކަލު ކުޑަ ހިނދުކޮޅެއްގެތެރޭގައި ގެއްލުނީއެވެ. މިއީ ވިސްނާ ނުލެވުމުގެ ނަތީޖާއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީ މަހުގެ 01 އިން ފެށިގެން މާރިޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ސައިކަލު ޕާކު ކުރުމަށްފަހު ތަޅުދަނޑި ޖަހާފައި ހުރުމުގެ 54 މައްސަލައެއް ހަމައެކަނި މާފަންނު ޕޮލިސް ސްޓޭޝަނަށްވެސް ރިޕޯޓު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ހަނދާން ނެތިގެން ނަމަވެސް ވަގުންގެ އަތްމައްޗަށް ދޫކޮށްލެވެނީ ތިބާގެ އަގުބޮޑު މުދަލެކެވެ. އެހެނީ، މިފަދަ ކަންކަމުގެ ސަބަބުން ވައްކަން ކުރާ ފަރާތްތަކަށް ވައްކަން ކުރުމުގެ ފުރުސަތު ބޮޑުވެ، ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެއެވެ. އެހެންކަމުން ތިމާ ގެންގުޅޭ އަގުބޮޑެތި މުދަލަށް ސަމާލުވެ ރައްކާތެރިވުމަކީ ތިމާގެ ފަރުދީ ޒިންމާއަކަށް ހަދަން ޖެހެއެވެ. ސައިކަލު ޕާކުކޮށްފައި ދިއުމުގެ ކުރިން، ސައިކަލުން ތަޅުދަނޑި ނެގުނުތޯ ޔަގީން ކުރައްވާށެވެ. އިހަށްނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.

ލިޔުން ނަގާފައިވަނީ: ޕޮލިސްލައިފް

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ރޯނު އެދުރު

    އެހެން ބަޔަކު ލިޔާ އެއްޗެއް ކޮޕީ ޕޭސްޓް ހަދާލާފަ މި ނޫހުގަ ޝާއިއު ކޮށްލީމަ އެ ވޭތަ ކައެމެން ލިޔުނު އެއްޗަކަށް. ކޮންތާކުން ނެގި ލިޔުމެއްކަން ބުނެލާނަމަވެސް ރަނގަޅު.

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ