މާއޮސްޓު ހަނގުރާމަވެރިން އިންޑިއާ ސިފައިންގެ 22 މީހުން މަރާލައިފި

އިންޑިއާގެ ޗަޓިސްގަރާ ސްޓޭޓުގައި މާއޮސްޓް ހަނގުރާމަވެރިން ދިން ކުއްލި ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 22 މީހުން މަރުވެ 30 މީހުން ޒަހަމްވެއްޖެއެވެ.

އިންޑިއާ ސިފައިންގެ އޮޕިޝަލުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިން ދިން ހަމަލާގައި މަރުވެފައިވަނީ އިންޑިއާގެ ސެންޓްރަލް ރިޒާވް ފޯސް އާއި ޑިސްޓްރިކްޓް ރިޒާވް ގާޑުން އަދި ސްޕެޝަލް ފޯސްގެ ސިފައިންނެވެ.

ހަނގުރާމަވެރިން އިންޑިއާ ސިފައިންނަށް އަމާޒުކޮށް ކުއްލި ހަމަލާއެއް ދީފައި މިވަނީ އިންޑިއާގެ ސެންޓްރަލް ރިޒާވް ފޯސް އާއި ޑިސްޓްރިކްޓް ރިޒާވް ގާޑުން އަދި ސްޕެޝަލް ފޯސްގެ ސިފައިން ޗަޓިސްގަރާގައި ހަނގުރާމަވެރިންނާއި ދެކޮޅަށް އޮޕަރޭޝަންތަކެއް ހިނގައިފައި ވަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މިއީ 2017 ވަނަ އަހަރަށްފަހު އިންޑިއާ ސިފައިންގެ ތެރެއިން މިހާ ގިނަ އަދަދެއްގެ ބަޔަކު މާއޮސްޓް ހަނގުރާމަވެރިން ހަމަލާދީ މަރާލި ފުރަތަމަ ފަހަރެވެ.

މާއޮސްޓުންނަކީ ވެސްޓް ބަންގާލްގައި 1967 ވަނަ އަހަރު އުފެދުނު ހަރުކަށި ފިކުރުގެ ޖަމާއަތެކެވެ. ދެކުނު އޭޝިއާގެ ޓެރަރިޒަމް ޕޯޓަލްގެ ތަފާސްހިސާބުތައް ދައްކާގޮތުން 2،000 ވަނަ އަހަރަށްފަހުވެސް މާއޮސްޓުންނާ އިންޑިއާ ސިފައިންނާއި ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގައި 10،000 ވުރެ ގިނަމީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
311
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ