ގަބީލާތަކުގެ ވެރިންނާއި އަދި ބޭރު ބަޔެއް ގައުމުތަކުގެ ފަރާތްތަކާއި ގުޅިގެނ އުރުދުންގައި ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހުމަތު ގޭބަންދުގައި ހުރި އުރުދުންގެ ކުރީގެ ވަލީއަހުދު އަމީރު ހަމްޒާ ބިން ހުސެއިން އަށް ކޮށްފިއެވެ.
އުރުދުންގެ ބޮޑުވަޒީރު އައިމަން ސަފަދީ ވިދާޅުވީ ބޭރުގެ ފަރާތްތަކާއި އަދި ގަބީލާތަކުގެ ވެރިންނާއި ގުޅިގެން އުރުދުންގެ އަމަންއަމާންކަން ނަގާލައި ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް އަމީރު ހަމްޒާ މަސައްކަތްކޮށްފައިވާ ކަަމަށެވެ. ބޮޑުވަޒީރު މިހެން ވިދާޅުވެފައި މިވަނީ ގޭބަންދުގައި ހުރިކަން ހާމަކޮށް އަމީރު ހަމްޒާ ދެ ވީޑިއޯ އާންމު ކޮށްފައި ވަނިކޮށެވެ.
އަމީރު ހަމްޒާ ބީބީސީ މެދުވެރިކޮށް އާންމުކުރި މި ދެވީޑިއޯގައި ބުނެފައިވަނީ ބޭރަށް ނިކުތުމާއި، މީހުންނާ ބައްދަލުކޮށް ވާހަކަދެއްކުން މަނާ ކަމަށް އުރުދުންގެ އަސްކަރީ ބާރުގެ ވެރިޔާ އަންގައިފައިވާ ކަމަށެވެ. އަދި މިއީ މީގެ ކުރިން އަމީރު ހަމްޒާ ބައިވެރިވި ބައްދަލުވުންތަކުގައި ރަސްގެފާނާއި ސަރުކާރަށް ފާޑުކިޔާފައި ވާތީ ކަމަށެވެ.

އުރުދުންގެ ގައުމީ ސަލާމަތައް ނުރައްކާކޮށް ގައުމުގައި ހަމަނުޖެހުން އުފައްދަން އުޅުނުކަމުގެ ތުހުމަތުގައި މިދިޔަ ހޮނިހިރު ދުވަހު އުރުދުންއިން16 މީހަކުވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ރަސްގެފާނު އަބްދުﷲ އަށް ކުރިން ލަފާއަރުއްވާ ބޭފުޅަކާއި ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅަކުވެސް ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަމީރު ހަމްޒާއަކީ ކުރީގެ ރަސްގެފާނު ހުސެން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ރާނީ ނޫރަށް ލިބިވަޑައިގެންނެވި އެންމެ ދޮށީ ދަރިކަލުންނެވެ. އަމީރު ހަމްޒާ ވަލީއަހުދު ކަމަށް ކަނޑައެޅީ 1999 ގައެވެ. ނަމަވެސް ވަލީއަހުދު ކަމަށް ކަނޑައަޅާފައި އޮތް އޮތުން 2004 ވަނައަހަރު ރަސްގެފާނު އަބްދުﷲވަނީ ބާތިލުކޮށްފައެވެ. އަމީރު ހަމްޒާއަކީ ރަސްގެފާނު އަބްދުﷲ ގެ އެއްބަފާ ކޮއްކޮއެވެ.



